ފިނޭންސް މިނިސްްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވްގެ މަގާމު އަދާކުރައްވަނިކޮށް, މިދިޔަ އަހަރު ނިޔާވި އަޙްމަދު މުޖުތަބާގެ ނަމުން އެ މިނިސްޓްރީގެ ފުރަތަމަ ފަންގިފިލައަށް ނަން ދީފިއެވެ.

މި ފަންގިފިލާ ހުޅުއްވައިދެއްވީ މުޖުތަބާގެ ކޮއްކޮ މުރުތަޟާ މަޖުދީއެވެ.

ފިނޭންސް މިިނިސްޓްރީން ބުނީ، މުުޖުތަބާގެ ހަނދާނުގައި އެ ފަންގިފިލައަށް ނަންދިނީ އޭނާ ކޮށްދެއްވި ލަމަސީލު ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

ޚިދުމަތްތެރިޔާ މަރުހޫމް މުޖުތަބާގެ ނަމުން ފިނޭންސް މިނިސްޓްރީގެ ފަންގިފިލާއަކަށް ނަންދީފައި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މިދިޔަ އަހަރު ޖުލައި މަހުގެ 29 ވަނަ ދުވަހު މުޖުތަބާ ނިޔާވީ އޭނާގެ އުފަން ރަށް ގއ. ދެއްވަދޫގައި ޗުއްޓީ ހޭދަކުރަނިކޮށް ކުއްލި ގޮތަކަށް ބަލިވެ، ހާލު ދެރަވުމާ ގުޅިގެން ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ.

މުޖުތަބާ އެ މިނިސްޓްްރީއާއި ގުޅުނީ 2008 ވަނަ އަހަރުގެވެ. ފާއިތުވި 14 އަހަރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރެއްވުމުގައި އޭނާ ވަނީ ވަރަށް އިސް ދައުރެއް އަދާ ކޮށްފައެވެ.

މުޖުތަބާ ވަނީ މެލޭޝިއާގެ މަލްޓިމީޑިއާ ޔުނިވަސިޓީން އެކައުންޓިންގެ ދާއިރާއިން ޑިގުރީ ހާސިލުކުރައްވައިފައެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެމްޓީޑީސީ)ގެ ޑިރެކްޓަރެއްގެ މަގާމު ވެސް އަދާ ކުރައްވަމުން ގެންދެވި މުޖުތަބާ ވަނީ މީގެ ކުރިން ޓެންޑާ ބޯޑުގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ފިނޭންސް މިނިސްޓްރީގެ މީޓިން ރޫމް "އާތު މާލަމް"އަށް ވެސް ނަން ދީފައި ވަނީ މިނިސްޓްރީގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހު ދުނިޔެ ދޫކޮށްފައިވާ ޚިދުމަތްތެރިއެއްގެ ހަނދާނުގައެވެ.