އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއިން ނިއުޔޯކް ނިކްސް ބަލިކޮށްފިއެވެ.

ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މި މެޗު ސެލްޓިކްސްއިން ކާމިޔާބު ކުރީ 114 ޕޮއިންޓު 98 ޕޮއިންޓުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނު އިރު ނިކްސް ކުރީގައި އޮތް ނަމަވެސް ފަހު ދެ ކުއާޓާގައި ސެލްޓިކްސްއިން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބު ކޮށްފައެވެ.

މެޗުގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމް ވަނީ 35 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި، ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓު ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ ފަސް އެސިސްޓު ދިން ޖޫލިއަސް ރެންޑްލްއެވެ.

މި މުބާރާތުގައި މިލްވައުކީ ބަކްސްއާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 118 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ.

މެޗުގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ 35 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ ދެ އެސިސްޓް ކޮށްފައެވެ. އަދި، ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް މެޗުގައި ދެއްކީ 26 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ނިކޮލާ ވުސެވިޗެވެ.

މީގެ އިތުރުން، ސެކްރެމެންޓޯ ކިންގްސް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރި މެޗު 132 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ.

މި މެޗުގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑު ނަގައިދީ 10 އެސިސްޓް ދިން ޑޮމަންޓާސް ސަބޮނިސްއެވެ. އަދި، ކެވެލިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކީ 16 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން އިވާން މޮބްލީއެވެ.

އަދި، ޓޮރޮންޓޯ ރެޕްޓާސްއާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 111 ޕޮއިންޓު 107 ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ ރެޕްޓާސްއެވެ.