އަވައްޓެރި ސްރީލަންކާގައި އަލަށް ހެދި (ނަވަލަޕިޓިއާ ސްޓޭޑިއަމް) ހުޅުވުމުގެ ގޮތުން ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމާ އެކު ރަހުމަތްތެރި ކަމުގެ މެޗެއް ކުޅުމަށް ރާއްޖޭގެ ގައުމީ ޓީމަށް ދައުވަތު ދީފި އެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ލަންކާގައި އަލަށް ހެދި ސްޓޭޑިއަމް ހުޅުވާމެޗުގައި އެ ގައުމުގެ ގައުމީޓީމާ އެކު ކުޅުމަށް ދިން ދައުވަތު ގަބޫލް ކޮށް، އެ މެޗު ކުޅުމަށް ރާއްޖޭގެ ގައުމީ ޓީމް އަންނަ މަހުގެ 12 ވަނަ ދުވަހު ލަންކާ އަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެ ސްޓޭޑިއަމް އަންނަ މަހުގެ 14 ވަނަ ދުވަހު ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރަސްމީކޮށް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، ލަންކާއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށް ނަގާ ގައުމީ ސްކޮޑް އަވަސް ތާރީހެއްގައި އިއުލާން ކުރާނެ ކަމަށާއި އެހެންނަމަވެސް ސްކޮޑް 20 ކުޅުންތެރިންނަށް ވުރެ ގިނަ ނުވާނެ ކަމަށެވެ.