އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ފައިގައި ޓެގު އެޅުވުމަށްފަހު ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި މިއަދު އޭނާ އެދިއްޖެއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި އެ ދެމީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމެއްގައި ލަމްހާގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވީ ލަމްހާގެ ސިއްޙީ މައްސަލަތަކެއް އެބަހުރި ކަމަށާއި، ޖަލުގައި އޭނާއަށް ފަރުވާ ހޯދަމުންދާ ކަމަށެވެ. އެހެންކަމުން މުޖުތަމައުއަށް ނުރައްކާ ކުޑަވާނެ ގޮތަށް ލަމްހާ ބަންދުން ދޫކުރެވިދާނެ ކަމަށް ވަކީލު ވިދާޅުވިއެވެ. އެގޮތުން ފައިގައި ޓެގު އެޅުވުމަށް ފަހު ލަމްހާ ދޫކޮށްދިނުމަށް ވަކީލު އެދިވަޑައިގަތެވެ.

ނަމަވެސް ދައުލަތުން ބުނީ، މާވިންއާއި ލަމްހާ ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފަ ނުވާތީ އެ ދެމީހުންގެ ބަންދަށް ލުޔެއް ދޭން ނުޖެހޭނެ ކަމަށެވެ. އަދި ވަކީލު އެދިވަޑައިގެން ގޮތަށް ފައިގައި ޓެގު އެޅުވުމަށްފަހު ބަންދުން ދޫކުރުމަކީ ގާނޫނުގެ ދަށުން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަޑުއެހުން ނިންމާލާފައި ވަނީ ބަންދަށް އިތުރު ލުޔެއް ދިނުމާ މެދު ގޮތެއް ނިންމާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށް ގާޒީ ވިދާޅުވެއެވެ.

އަނބިމީހާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ފިލިޕީންސްގެ ނަރުސް މާވިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ މައްސަލާގައި މާވިންގެ ފަރާތުން ބަންދުން ދޫކޮށްދިނުމަށް އެދިފައެއް ނުވެއެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވެސް ލަމްހާ ވަނީ ބަންދުން ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް އޭރު ގާޒީ ނިންމެވީ އޭނާ ބަންދުން ދޫކޮށްލެވެން ނެތް ކަމަށެވެ. އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ހެކިބަސް ނަގަންޖެހޭ އިތުރު 50 ވަރަކަށް މީހުން އެބަތިބި ކަމަށާއި އެހެންކަމުން ލަމްހާ ހައްޔަރުކުރިއިރު އޮތް ހާލަތު އަދިވެސް ދެމިއެބައޮތް ކަމަށެވެ.

ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދިވެހި ނަރުސް ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ މޭރީ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.