20 May 2012, 13:07
އެކަން އޭނާގެ ސިކުނޑީގައި ވެރިވީ ބޭނުން ކުރަމުން ދިޔަ ކޮމްޕިއުޓަރުގެ ކީބޯޑުގެ ފިއްތަކަށް އޮބައިގެން ސިޓީއެއް ލިޔަން އެތައް ވަގުތެއް ދުއްވާލަން ޖެހުމުންނެވެ. އެއީ މީގެ ނުވަ އަހަރު ކުރިން ކޮމްޕިއުޓަރު ކުލާހެއް ހިންގާން އަތޮޅުތަކަށް ދިއުމުން މުހަންމަދު މަލާހު، 28، ކުރަން ޖެހުނު ތަޖުރިބާ އެކެވެ. އޭރު އާންމުކޮށް ކިޔަވައިދޭން ޖެހުނީ އުމުރުން ވަރަށް ދޮށީ މީހުންނަށް ވުމުން އެ މީހުންގެ އަބަދުވެސް ޝަކުވާއަކަށް ވެފައި އޮތީ ކީބޯޑުން ދިވެހި ލިޔަން އުނދަގޫވުމެވެ. އެ އުނދަގުލުން އެންމެން ސަލާމާތްކޮށްދޭން މަލާހު ފެށި މަސައްކަތުގެ ނަތީޖާއަކީ މިއަދު ބޭނުންކުރަން ލިބިފައިވާ ޒަމާނީ ކީބޯޑު، ނުވަތަ "ވޮށުފިލާ" އެވެ. އެއީ ކުރިން ދިމާވި އުނދަގުލަށް ލިބުނު ރަނގަޅު ހައްލެކެވެ.
"އޭރު ހަމަ ރާއްޖޭން ތެރެއިން އަބަދުވެސް ބުނާނެ ހާދަ އުނދަގުލޭ ދިވެހި ލިޔަން، އޭރުން ފެށިގެން ސިކުނޑީގައި އެ އައިޑިއާ އިދޭ، ރަށްޓެހިން ގާތުގައި ވެސް އޭރު ޝެއާކުރިން، ކީބޯޑެއް ހެދީމަ ދިވެހިންނަށް ވަރަށް ފަސޭހަ ވާނެ ކަމަށް. ދެން މާލެ އައިސްފައި ރަށްޓެހިންނާއެކު ކޮފީއެއްގައި ތިބެފައި އެދުނިން އައިޑިއާއެއް ދީބަލާށޭ، ރާއްޖެއަށް އާ ކަމެއް ކޮށްލަން ބޭނުމޭ، އޭރު ކީބޯޑުގެ ވާހަކަ ހަދާނެއް ނެތް، އެކަމަކު ކީބޯޑުގެ ވާހަކަ ޝެއާ ކުރި ރަހުމަތްތެރިޔާ އިން، އޭނަ ބުނެފި އެއްކަލަ ދުވަހު ބުނި ކަންތައް ވަރަށް ސަޅިވާނޭ،" މާލޭގެ ބައެއް ކޮލެޖްތަކުގައި ވެސް ކޮމްޕިޔުޓަރާއި ގުޅުން ހުރި އިލްމު ކިޔަވައިދޭ މަލާހު ބުންޏެވެ.
އެއީ ޖޫން 5، 2010 އެކެވެ. އެ ދުވަސް އަދިވެސް މަލާހުގެ ހަދާނުގައި އެބަހުއްޓެވެ. ޝައުގުވެރިކަން ހުރިވަރުން އެދުވަހު ދެން ކަންވީގޮތް ވެސް އަދި މަންޒަރަކުން ނުގެއްލެ އެވެ.
ބުންޏެވެ: "ވަގުތުން ކޮފީވެސް ކުރުކޮށްލީ! ބެސްޓް ފްރެންޑު ހުސެން އަސްތަރު [ރައްޓެހިންގެ ނަމުން ތައްރޫ] ގޭގައި ހުއްޓާ މީޓް ކުރަން ދިޔައީ، ގޮސްފައި ބުނިން އެހީއެއް ބޭނުމޭ، އޭނަ ވަރަށް މޮޅަށް ލޭޔައުޓް އެއްޗިހި ޑިޒައިންކޮށް ހަނދާނެ، ގޮސްފައި ވަގުތުން އައިޑިއާ ކީމައި އޭނަވެސް ވަރަށް އިންޓަރެސްޓް ވެފައި ވަގުތުން ދެ މީހުން މަސައްކަތް ފެށީ،"
އޭގެ ފަހުން މަލާހާއި ތައްރޫގެ މުޅި ދިރިއުޅުން ކުޑަދުވަސް ކޮޅަކަށް ބަދަލުވީ ތައްރޫގެ ކުޑަކުޑަ ކޮޓަރީގެ ތެރެއަށެވެ. ކޮމްޕިޔުޓަރުވީ އެމީހުންގެ ބައިވެރިޔާ އަށެވެ. ހައިކަން ފިލުވީ ކޮފީން ނެވެ. ގާތްގަނޑަކަށް ފަސް މަސްދުވަސް ހޭދަކުރީ ފަސޭހެ ކަމާއެކު މިހާރު ބޭނުން ކުރަން ލިބިފައިވާ ވޮށުފިލާ އުފައްދާނެ ގޮތަކާއި މެދު ރިސާޗް ކުރުމުގަ އެވެ. ދިވެހިންނަށްޓަކައި ވޮށުފިލާ އުފެއްދުމަށްޓަކައި ކަމަކަށްޓަކައި ފޯނަށް ޖަވާބު ދިނުމާއި އެކުވެރިންނާ ބައްދަލު ކުރުމާއި ކޮފީތަކާ ދުރަށްދާން ޖެހުނެވެ
"މުޅި ލައިފް ސްޓައިލް އެކަށް ބަދަލުވީ، ޖެހިޖެހިގެން ހަތަރު ރޭ އެބަ އުޅެން ނުދިދާ، ކީބޯޑް ޑިވެލޮޕް ކުރާނެ ގޮތުގެ އައިޑިއާ އާއި ސްކެޗްތައް ކުރެހުމުގައި މިކަންކަން ދިޔައީ، ކެއުމަކީ މެންދުރާއި ރޭގަނޑު ބޭރަށް ނިކުމެލާ ބޯލާ ކޮފީތައްޓެއް، އެކަމަކު ނިންޖެއް ނާދޭ، އެއަށް ވުރެ މާ ޝައުގުވެރިވެގެން އެކަން ކުރީ، އެ އަހަރުގެ އޮކްޓޫބަރު ހިސާބުގައި މުޅި ދިރާސާ ނިންމާލައިފިން،" މަލާހު ބުންޏެވެ.
އޭނާ އެހެން ވާހަކައެއް ވެސް ބުންޏެވެ؛ އެއީ ދިރާސާގެ އެއްވެސް ކަމެއްގައި މަލާހު ވެސް އަދި ރަހުމަތްތެރިޔާ ވެސް އަމިއްލައަށް ގޮތެއް ނުނިންމާ ވާހަކަ އެވެ. އޭގެ އެކްސްޕާޓުންގެ ކައިރިއަށް ގޮސް ވޮށުފިލާއަށް ފުރިހަމަކަން ގެންނަންޖެހޭ ހުރިހާ މައުލޫމާތެއް ހޯދި އެވެ. އެ އެންމެންގެ ހިޔާލަށް ވޮށުފިލާ ބައްޓަން ކުރުމަކީ ކުރިމަތިވި އުނދަގޫ މައްސަލައަކަށް ވިއެވެ.
"ދިރާސާ ކުރިއިރު އަލުން އެނބުރި ދާން ޖެހިއްޖިއްޔާ ކިތަންމެ ފަހަރަކު ކުރިން ދިޔަ ހިސާބަށް ހުންނާނެ ގޮސް އަލުން ފަށާފައި، ފުރަތަމަވެސް ސޯދުބެ [މުލީ އަބްދުﷲ ސޯދިގު] ކައިރިއަށް ދިޔައިން، ޝެއާ ކުރީމައި ވިދާޅުވީ ދިވެހި ފޮންޓް ލިޔާއިރު ފަހަތަށް އިތުރުވާ ބެންޑް ނޫނީ އެ ނޮޓް ނުހުންނާނެ ގޮތަކަށް ހަދައްޗޭ، ދެން އެވާގޮތެއް ބަލަން ޖެހުނީ، އެއީ ވަރަށް އުދަގޫ ކަމަކަށް ވީ، ބެލިއިރު ފަހަތަށް ތިއްކެއް އިތުރުވަނީ، އެއީ ހަމަ އެއްކަލަ ފެންކުލަ ޖައްސާއިރު ގަނޑުގެ ފަހަތަށް ފޭޑުވާ ގޮތަށް ޑިޖިޓަލް ފޭޑެއް ވަނީ، ދެން ހެދި ގޮތަކީ އެއްކަލަ ތިކި ހަމަ ޑިލިޓްކޮށްފައި އަކުރުތައް ޖެހީ،" ފަވާޒް ބުންޏެވެ. "ދެން ދިވެހި ލޭއައުޓެއް ހަދާފައި ހުންނަނީ ރެކްޓާ ޑރ. ހަސަން ހަމީދު، އެބޭފުޅާ ކައިރިއަށް ގޮސްގެން އަޅުގަނޑުމެން ބެލިން މީގެ ލޭއައުޓް ކިހިނެތް ހެދިއްޔާތޯ ފަސޭހަ ވާނީ، އެގޮތުން އެކި ލޭއައުޓްތައް ހަދައިގެން އެންމެ ފުރިހަމަ ލޭއައުޓް މީ!"
ޗައިނާއިން އެސެމްބުލްކޮށް ފުރަތަމަ ދިވެހި އުފެއްދުން، ނޫނީ މޭޑް އިން މޯލްޑިވްސްގެ ލަގަބު ލިބުނު ފުރަތަމަ ޕްރޮޑަކްޓަކީ ވޮށުފިލާ އެވެ. މަލްޓި މީޑިއާ ކީބޯޑެއްގައި ހިމެނޭ ހުރިހާ ފީޗާތަކެއް ހުންނައިރު ވޮށުފިލާގައި ދިވެހިންނާއި ގުޅޭނެ ހުރިހާ ބައިތަކެއް ވަނީ ހިމެނިފަ އެވެ.
ދެހާސް އެގާރަވަނަ އަހަރު ޖެނުއަރީގައި ކީބޯޑްގެ ހުރިހާ މަސައްކަތެއް ނިމި ބާޒާރަށް ނުކުތްއިރު މަލާހުގެ ރައްޓެހިން އަބަދުވެސް ކުރަމުން ދިޔަ ސުވާލެެއްގެ މަތިން އޭނާ ހަދާން އާ ކުރެ އެވެ: "އޭރު އަބަދު ރައްޓެހިން ބުނާނެ ތިކަން ވާނެހޭ؟ އެ މީހުން ފުރަތަމަ ސާމްޕަލް އެތި ގެނައިމައި ގަބޫލުކުރީ، އަހަރެން ބުނީ އާނއެކޭ އަހަންނަށް މިކަން ވާނޭ!"
މަލާހު އާއި ރަހުމަތްތެރިޔާ، ކީބޯޑް ވޮށުފިލާއަށް ކުރި ދަތުރު ކާމިޔާބުކުރީއިރު އެ މީހުން ތިބީ ހިތްހަމަ ޖެހިފަ އެވެ. އެއީ ރާއްޖެ އާއި ދިވެހިންނަށް ފައިދާ ހުރި އުފެއްދުމެއް ގެނެސް ދެވުނީތީ އެވެ.
"މިހާރު ނުޖެހޭނެ އަހައްމަދު ނޫނީ ފާތުމަ އެންމެ އަވަހަށް ސިޓީ ޓައިޕް ކުރާތީ، ފޮނުވަން ޖެހޭ ސިޓީއެއް ނުލިޔެ އޮފީހުގެ އެހެން މުވައްޒަފުން މަޑުކުރާކަށް، ހަމަ އެމީހުން ވެސް އެ ލިޔަންވީ،" މަލާހު ބުންޏެވެ.
ދިވެހި އުފެއްދުންތެރި އެފަދަ މަސައްކަތްތަކަށް އެއްބާރުލުން ބޭނުންވާ ވާހަކަ އޭނާ ބުނީ ފަހު ވާހަކައަކަށެވެ. އެއީ މަސައްކަތްތުގެ އަގު ވަޒަން ކުރުމެވެ. '
"އަހަރުމެން ނުބުނަން އަހަރުމެންނަށް މާބޮޑު ކަންތައްތަކެއް ކޮށްދޭށެކޭ. މީގައި ކުޑަކުދިންގެ ދެ ޔޯގެ ވާހަކަ ފޮތް ލިޔާމީހާ ވެސް އެ ބަޖެހޭ އޭނަގެ އަގުވެސް ވަޒަން ކުރަން، އޭރުން ކަންނޭނގެ މުޅިން އާ ޕްރޮޑަކްޓެއް ނުކުންނާނީ، އޭރުން މުޅި މުޖުތަމައަށް ފައިދާ ހުރި އެއްޗެއް ނުކުންނާނީ،"
ވޮށުފިލާއަކީ ދިވެހިން ލިޔަން ކިޔަން ދަސްކުރި އާލާތެކެވެ. މިއަދު އެ ވޮށުފިލާ ނެތް ނަމަވެސް މަލާހު ގެނެސްދިން ޒަމާނީ ވޮށުފިލާ ވެގެންދާނީ ދިވެހިންގެ ހަޔާތުގެ ފޮތުގައި ލިޔެވިގެންދާނެ ވޮށުފިލާއަކަށެވެ.