14 Nov 2023, 10:21
ރައްޔިތުންގެ މަޖިލީހުގެ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ހުރަސް އަޅަން މަސައްކަތްކުރަނިކޮށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓު ހުށަހަޅުއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި އޮތީ އަންނަ އަހަރުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް އެޖެންޑާކޮށްފައެވެ.
މީގެ ކުރިން ނަޝީދުގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައި އޮތް އިރު މިނިސްޓަރު އަމީރު ވަނީ، ބަންޑާރަ ނައިބުގެ ލަފާއާ އެކު ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންފައެވެ.
އެހެންކަމުން ޑިމޮކްރެޓްސްގެ މެންބަރުން ވިދާޅުވެފައި ވަނީ މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން އިންނެވީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމަށް ފަހު ކަމަށެވެ. އަދި މީގެ ކުރިން ބަޖެޓު ހުށަހެޅުމަށް ވަޑައިނުގެންނެވީ ޢައިރު ގާނޫނީ ލަފައެއްގެ މަތީން ކަމަށް ސުޕްރިމްކޯޓުގެ ހުކުމުން ވެސް އެނގިގެންދާ ކަމަށް ބުނެ އެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވަނީ ބަޖެޓު ހުށަހެޅުމަށް ހުރަސް އަޅަން މަސައްކަތް ކޮށްފައެވެ.
ނަމަވެސް މަޖިލީހުގެ އާ ރައީސް މުޙައްމަދު އަސްލަމް ރިޔާސަތުގައި އިންނަވާ އެމަނިކުފާނު ވަނީ ޑިމޮކްރެޓުންގެ ނިޒާމީ މައްސަލަ ބަލައިނުގެންފައެވެ. އެއާއެކު މިނިސްޓަރު ބަޖެޓް ހުށަހެޅުއްވިއިރު ވަށާލައި، ވާހަކަދެއްކެވުމަށް ހުރަސް އަޅަން ޑިމޮކްރެޓްސްގެ މެމްބަރުން މަސައްކަތް ކުރެއްވިއެވެ. އެވަގުތު މިނިސްޓަރު ވަށައިގެން ތިއްބަވައި ހިމާޔަތް ދެއްވީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނެވެ.
އެއާއެކު ފިނޭންސް މިނިސްޓަރު ވަނީ މި އަހަރުގެ ބާކީ އޮތް ބަޔަށް ބޭނުންވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ބޭނުންވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
މިއަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓަށް އިތުރު ކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު --
އިންތިޚާބީީ ރައީސް ޑރ. މުޙައްމަދު މުއިއްޒުު ބޭނުންފުޅުވެވަޑައިގަންނަވަނީ އަންނަ އަހަރުގެ ބަޖެޓު 49 ބިލިއަނުގައި ހިފެހެއްޓުމަށް ކަމަށް މީގެ ކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ ބޮޑަށް އިސްކަން ދެއްވީ ބައިނަލްއަޤްވާމީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ގަބޫލުކުރާ ހަމައެއްގައި ބަޖެޓު ހިފެހެއްޓުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދަރަނި ޖީޑީޕީއަށް ޖެހޭ ނިސްބަތް ކުޑަކުރުމަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.