14 Nov 2023, 10:53
މެންޗެސްޓާ ސިޓީގެ ބްރެޒިލް ގޯލްކީޕަރު އެޑަސަންއަށް އަނިޔާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އުމުރުން 30 އަހަރުގެ އެޑަސަންއަށް ކުރިމަތިލާން ޖެހުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 4-4ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ. އެ މެޗުގައި އޭނާގެ ފަޔަށް ވަނީ އަނިޔާއެއް ވެފައެވެ.
އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށްއޮތް ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އާއި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ބްރެޒިލްގެ ސްކޮޑުން ވެސް އެޑަސަން ވަނީ ވަކިވެފައެވެ. އެ އަނިޔާއާ ގުޅިގެން ޕްރިމިއާ ލީގު އަލުން ފެށޭ އިރު، އެޑަސަން ފިޓުނުވެއްޖެ ނަމަ، ސިޓީއަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
މިހާރު ވެސް ސިޓީގެ މުހިންމު ކުޅުންތެރިންތަކެއް ތިބީ އަނިޔާގައެވެ. އެގޮތުން އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭ އާއި އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް ހިމެނެއެވެ. އޭގެ އިތުރުން ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ހުރީ ދިގު މުއްދަތެއްގެ އަނިޔާއެއްގައެވެ.
ގައުމީ ޓީމުތަކުގެ މެޗުތަކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން ނުކުންނަން ޖެހޭނީ ލިވަޕޫލާ ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗަށް ސިޓީ ނުކުންނަން ޖެހޭނީ މިމަހުގެ 25 ގައެވެ.