ތެޔޮ ނުލިބުމުގެ ސަބަބުން އދ އިން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ދެ ދުވަސް ތެރޭގައި ހުއްޓާލަން މަޖުބޫރުވާނެ ކަމަށް އދ ގެ ފަލަސްތީން ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔުއޭ) އިން ބުނެފިއެވެ.

"ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގައި ހިންގާ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ހުއްޓިގެންދާނެ." ޔޫއެންއާރުޑަބްލިއުއޭއިން ޣައްޒާއަށް ކަނޑައަޅާފައި ހުންނަ ވެރިޔާ ތޯމަސް ވައިޓް, އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީ އިސްރާއީލުން ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި ނިކަމެތިވެފައިވާ ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އިސްރާއީލުން ހުޅުވާލާފައި އޮތް ނަމަވެސް ޣައްޒާއަށް ތެޔޮ ވެއްދުން އިސްރާއީލުން އޮތީ މަނާކޮށްފައެވެ.

ޖަނަރޭޓަރަށް ބަރޯސާވާ ހޮސްޕިޓަލްތަކަށާއި ބޯފެން ސާފުކޮށް ފެން ޕަމްޕް ކުރުމަށްވެސް ތެޔޮ ބޭނުންވާއިރު، ތެޔޮ ހުސްވާ ކަމުގެ އިންޒާރު އެހީދޭ އޭޖެންސީތަކުން ވަނީ ތަކުރާރުކޮށް ދީފައެވެ.

ތޯމަސްއާ ހަވާލާދީ އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި އާންމުންނަށް ފެން ފޯރުކޮށްދޭ އދ ގެ ދެ ކޮންޓްރެކްޓަރުންގެ މަސައްކަތްވެސް ތެޔޮ ނުލިބުމުގެ ސަބަބުން އޮތީ ހުއްޓިފައެވެ. އަދި މީގެ ސަބަބުން ދެ ލައްކައެއްހާ މީހުން ބޯން ބޭނުންވާ ފެން އެ މީހުންނަށް ނުލިބޭނެ ކަމަށްވެސް ތޯމަސް ވިދާޅުވިއެވެ.

އިސްރާއީލުން ދޭ ހަމަލާތައް ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށްފައިވާއިރު، ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ އުތުރުގައި ހުރި ހުރިހާ ހޮސްޕިޓަލެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 11000 އަށްވުރެ ގިނަ ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައިވާއިރު، ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި މީހުން އަދަދު ވަނީ 3000 އަށް އަރައިފައެވެ.