14 Nov 2023, 12:28
ތެޔޮ ނުލިބުމުގެ ސަބަބުން ކަރަންޓު ކެނޑި ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި ވަނީ އާދީއްތަ ދުވަހުއެވެ. ކަރަންޓުކެނޑުމުގެ ސަބަބުން އެ ހޮސްޕިޓަލްގައި ތިބި ބަލި މީހުންގެ ތެރެއިށް ބައެއް މީހުން މަރުވެފައިވާއިރު، ހުކުރު ދުވަހުން ފެށިގެން ހޮސްޕިޓަލަށް އެކި ވަރުގެ ހަމަލާތައް ދިނުމުގެ ސަބަބުން ހޮސްޕިޓަލްގައި ތިބި ގިނަ ބަޔަކު ވަނީ ޝަހީދުވެސް ވެފައެވެ.
ބަލި މީހުންގެ އިތުރުން ގެދޮރު ގެއްލިފައިވާ އެތައް ބަޔަކުވެސް އެ ހޮސްޕިޓަލްގައި އެބަތިއްބެވެ.
ހޮސްޕިޓަލަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ޝަހީދުވެފައިވާ މީހުންގެ ހަށިތައް ވަޅުލުމަށްވެސް ވަނީ ދަތިވެފައެވެ. ހޮސްޕިޓަލްގެ ގޯތި ތެރޭގައާއި ފެންޑާގައިވެސް މަރުވެފައިވާ މީހުންގެ ހަށިތައް ހުރިއިރު، އެ ހަށިތައް އެ ހިސާބުގައި އުޅޭ ޖަނަވާރުތަކުގެ ކާނާއަށް ވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހައްތާބެހޭ ވަޒީރު މިއާ އަލް ކައިލާއާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ވަނީ ރިޕޯޓުކޮށްފައެވެ.
ޣައްޒާ ހޮސްޕިޓަލްތަކުގައި ފަރުވާ ނުލިބި މީހުން މަރުވަމުންދާއިރު، ޑައިލިސިސް ފަރުވާ ނުލިބި އަމިއްލަ ގޭގައި މަރުވާ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ގިނަ ކަމަށް އަލް ކައިލާ ވިދާޅުވިއެވެ.
ކަރަންޓު ކެނޑި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު ނުލިބުމުގެ ސަބަބުން ޝިފާ ހޮސްޕިޓަލުން މިހާތަނަށް 12 ބަލިމީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އަލަށް އުފަންވި ދެ ކުދިން ހިމެނެއެވެ.
ކަރަންޓު ކެނޑި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށް ދަތިވާތީ، އަލްރަންތިސީ އާއި އަލް ތުރުކީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ 3000 މީހުންވެސް މަރުވާން ދޫކޮށްލާފައިވާ ކަމަށް އަލް ކައިލާ ވިދާޅުވިއެވެ. މާބަނޑު އަންހެނުންނާއި ނުރައްކާ ބަލިތައް ތަހައްމަލު ކުރަމުންދާ އަންހެނުންނަށްވެސް ޣައްޒާއިން އެއްވެސް ފަރުވާއެއް ނުލިބެއެވެ.
ބަލި މީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ޝިފާ ހޮސްޕިޓަލާ ހަމައަކަށް ނުދެވެއެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، މި ވަގުތު އެ ހޮސްޕިޓަލްގެ ތެރޭގައި ތިބި މެޑިކަލް ސްޓާފުންނަށް ހޮސްޕިޓަލް ތެރޭގައި ހަރަކާތްތެރިއެއް ނުވެވެއެވެ. އިސްރާއީލުން އަންނަނީ އެގޮތަށް ހަރަކާތްތެރިވާ ކޮންމެ މީހަކަށް ހަމަލާދެމުންނެވެ.
އިސްރާއީލުންގެ ހަމަލާތައް ޝިފާ ހޮސްޕިޓަލަށް އަމާޒުވަމުންދާތީ، ފަރުވާ ދެމުން ދަނިކޮށްވެސް ބަލިމީހުން ވަނީ މަރުވެފައެވެ. ހޮސްޕިޓަލް އެތެރޭގައި ހުރި ލޭގެ ސްޓޮކްވެސް ކަރަންޓް ކެނޑިފައި އޮތުމުގެ ސަބަބުން ތަޣައްޔަރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހޮސްޕިޓަލުން ފެން ކަނޑާލާފައިވާއިރު، ބަލި މީހުންނާއި، މެޑިކަލް ޓީމުން ކާނެ އެއްޗެއް ހޮސްޕިޓަލުން ނުލިބޭ ކަމަށް އަލްކައިލާ ފާހަގަކުރެއްވިއެވެ. އަދި އެކަމަށް މިހާރު އޮތް ހައްލަކީ ހޮސްޕިޓަލަށް ކަރަންޓާއި ސިއްހީ ފަރުވާދޭ ސާމާނާއި ބޭހާއި ތެޔޮ ފޯރުކޮށްދިނުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.