ފުވައްމުލަމުގައި މިއަދު ހެނދުނު ކުޑަ ދެ ކުއްޖެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުވައްމުލަކުން މައުލޫމާތު ދިން މީހަކު ބުނީ އެ ރަށުގައި ވަޅި ހަރައި ޒަހަމްކޮށްލާފައި ވަނީ އުމުރުން 16 އަހަރާއި އަދި 15 އަހަރުގެ ދެ ކުދިން ކަމަށެވެ. އަދި ބުނީ އެ ދެކުދިންނަށް ވަޅިން ހަމަލާ ދިނީ ހެނދުނު ސްކޫލް ނިންމާފައި ދެ ކުދިން އެކީގައި ގެޔަށް އައި މަގުމަތީގައި މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ 15 އަހަރުގެ ކުއްޖާގެ ބޮލަށާއި ފުއްކިބައަށް ވަޅި ޖަހާފައިވާ ކަމަށާއި އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި 16 އަހަރުގެ ކުއްޖާގެ ޒަހަމްތައް ވަރަށް ބޮޑު ކަމަށާއި އޭނާގެ އަތުގެ ދެތިން ތަނަކަށާއި ބުރަކައްޓަށް ވަޅި ޖަހާފައިވާއިރު ބޮލާއި ލޮލުގެ ކައިރިން ވެސް ޒަހަމްކޮށްލާފައިވާ ކަމަށެވެ.

"އަދި އެ ކުއްޖާގެ ހާލަތު އަދި މުޅިންނެއް ނޭނގޭ، ތިއޭޓަރުގައި ފަރުވާދެމުން އެ ދަނީ، އެ ކުއްޖާ ގެނައިރު ހެއެއް ވެސް ނެތް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.