13 Nov 2023, 17:42
ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ އެހާ އެދެވޭ ކަމެއް ނޫން ކަމަށް އެ ކޯޓުން ބުނެފައިވާއިރު އެ ކޯޓުގެ އަމަލާއި ބަސް ދިމާނުވާ ކަމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުއްޖެއެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ބޭނުންވާ އަދަދަށް ވުރެން ގިނަ މެމްބަރުންގެ ތާއީދާއެކު އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެކަން ކުރިއަށް ނުގެންގޮސް އެ މަނިކުފާން ވަނީ އެތައް ކަމެއް ކުރައްވާފައެވެ. އެންމެ ފަހުން އެ މައްސަލަ އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅައި ކޯޓުގެ ތެރެއިން ހައްލު ހޯދިއެވެ.
މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ނަޝީދު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގަރާރާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ބަޔާންކޮށްފައި ވަނީ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުން ކޯޓުގެ ހުކުމްތައް ސިޔާސީ ވުމަށް މަގުފަހިވެ، ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާ ކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.
"ނަމަވެސް ސުޕްރީމް ކޯޓުގެ އަމަލާއި ބަސް މިކަމުގައި ދިމާ ނުވީތީ އަޅުގަނޑު ހިތާމަ ކުރަމެވެ." އެ ސިޓީގައިވެއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މި މަގުން ކުރިއަށްދިޔުމަކީ ބޮޑު ހިތާމައެއް ކަމަށާއި ދިވެހިންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި، މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީއިން މަޖިލީހަށް ދޭ ގެއްލުން ދަނީ ބޮޑުވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ." ސިޓީގައިވެއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ އިސްތިއުފާއަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި ނަޒާހާތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ޖަލްސާތައް ހުއްޓުވީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އީވާ ނެތަސް، ގަރާރުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކުވެސް، ނަޝީދު އިތުބާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް ދެއްވިއެވެ. އެގޮތުން އިންތިޚާބީ ރައީސް މުޙައްމަދު މުއިއްޒު ހުވާ ކުރައްވަންދެން މައްސަލަ ނިންމަން ފުރުސަތު ނުދޭނެ ކަމުގެ މޭރުމަކުން އެމަނިކުފާނު ވާހަކަދެއްކެވިއެވެ.