13 Nov 2023, 17:17
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މިއަދު އިސްތިއުފާ ދެއްވީ، ޑިމޮކްރެޓިކް ޕްރޮސެސްއަށް ޖާގަ ދޭން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ ހިފެހެއްޓުމަށް ފަހު، މިއަދު އެ މަނިކުފާނު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އިސްތިއުފާއަށް ފަހު މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ނަޝީދު ވިދާޅުވީ، އެ މަނިކުފާނު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވީ ޑިމޮކްރެޓިކް ޕްރޮސެސްއަށް ޖާގަ ދިނުމަށް ކަމަށެވެ. އަދި، އެއީ އެ މަނިކުފާނު އަބަދު ވެސް ގަބޫލުކުރައްވަމުން އައި ހަމަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ޑިމޮކްރެޓިކް ޕްރޮސެސް އެކި ގޮތްގޮތަށް އެކިއެކި ބޭފުޅުން އަޅުގަނޑަށް އެބަ ކިޔައިދެއްވަވާ. ކަލެކްޓިވް ބާގެއިނިން އާއި އޯގަނައިޒްޑް ޕޮލިޓިކަލް އެކްޓިވިޓީއާ މި ކަންކަމަށް ތި ބޭފުޅުން ވިސްނަވައިލެއްވީމާ ތި ބޭފުންނަށް އެނގިވަޑައިގަންނަވާނެ މި އާ ގާނޫނު އަސާސީގައި އަޅުގަނޑުމެންނަށް ލިބިގެންދާ އިތުރު އިތުރު ރާސްތާތަކާއި އިތުރު ހަރަކާތް ހިންގުމަށް ލިބިދޭ ފުރުސަތުތައް، އަޅުގަނޑު އެ ކަމާ ވަރަށް އުފާވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މިއީ މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު އެންމެ ޑިމޮކްރެޓިކް މަޖިލީސް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ކަން ހިސާބުތަކުން ވެސް ފެންނާން އޮންނާނެ ކަމަށެވެ. އެއީ، މަޖިލީހުގެ އެންމެހައި މެންބަރުންނާއި ސިޔާސީ ޕާޓީތަކާއި އަދި މަޖިލީހުގެ އިދާރާއިން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އާ ގާނޫނު އަސާސީއަށް އަމަލުކުރާން ފެށުނީއްސުރެ މިހާ ގިނަ މަސައްކަތް ކުރެވުނު މަޖިލިހެއް ނުދޭ. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނަޝީދު ވިދާޅުވިއެވެ.
"މަޖިލިސް ބަންދުނުކޮށް، އަދި މަޖިލީހުގެ ތެރެއަށް ސިފައިން ނުގެނެސް އަޅުގަނޑުމެން ރީތިކޮށް ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހެއް،"
އެ މަނިކުފާނު އިޝާރާތް ކުރެއްވީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އެކު ދެން ހިނގާދިޔަ ކަންތައްތަކަށެވެ. މަސީހުގެ އިތުބާރުގެ މައްސަލައާ އެކު ބައެއް މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައި، ސިފައިން ބޭނުން ކޮށްގެން އެ މެންބަރުން މަޖިލީހުން ގަދަބާރުން ނެރުނީއެވެ.
އެކަމަކު، މަސީހު ވެސް އެންމެ ފަހުން އިސްތިއުފާ ދެއްވީއެވެ.
"މި މަޖިލީހަކީ އަޅުގަނޑަށް ޔަގީން ކަށަވަރު ތިޔަ ބޭފުޅުން ތައާއްސުބެއް ނެތި ބައްލަވައިފި ނަމަ، ދިވެހިރާއްޖޭގައި މިހާތަނަށް ހިނގާފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލީސް،" ނަޝީދު މިއަދު ވިދާޅުވިއެވެ.
އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ފުރަތަމަ ހުށަހެޅުމުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާ ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރައި ހުށަހެޅީ ކަމަށް ބުނެ މަޖިލީސް މަރުތަޅަކަށް ދިޔައެވެ. އެހެންވެ، އެމްޑީޕީން ފަހުން އެ މައްސަލަ އަނބުރާ ނެގީއެވެ.
އޭގެ ފަހުން އަނެއްކާ ވެސް އެމްޑީޕީން ނަޝީދުގެ މައްސަލަ ހުށަހެޅީ 49 މެންބަރުންގެ ސޮޔާ އެކުގައެވެ. އެކަމަކު، އީވާ ގިނަ ދުވަސްތަކެއް ވަންދެން ސަލާން ވިދާޅުވުމުން، އެ މައްސަލަ ހުއްޓިފައި އޮތީއެވެ. އެހެންވެ، އެމްޑީޕީން އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ވެސް ދިޔައެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރީ، އީވާ ސަލާން ވިދާޅުވިޔަސް މަޖިލީސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި، ނަޝީދުގެ މައްސަލަ ހުއްޓުވާފައި އޮތީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެހެންވެ، އެ މައްސަލަ އިއްޔެ ވެސް އެޖެންޑާ ކުރިއެވެ. އެކަމަކު، އިއްޔެ ޑިމޮކްރެޓުންގެ ރިޔާސަތުން މައްސަލައަށް ހުރަސްއެޅުމުގެ ސަބަބުން ކުރިއަކަށް ނުގެންދެވުނެވެ. އެހެން އޮއްވައި މިއަދު ހަވީރަށް އިތުރު ޖަލްސާއެއް އެޖެންޑާ ކުރި ފަހުން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ.