އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރި މެޗު ސެވަންޓީ ސިކްސާސްއިން ކާމިޔާބުކޮށްފިއެވެ.

ފިލަޑެލްފިއާގެ ވެލްސް ފާގޯ ސެންޓާގައި ކުޅުނު މިމެޗު ސިކްސާސް ކާމިޔާބުކުރީ 137 ޕޮއިންޓް 126 ޕޮއިންޓުންނެވެ.

މެޗުގައި ސިކްސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 50 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޓައިރީސް މެކްސޭއެވެ. އަދި، ޕޭސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގައިދީ 17 އެސިސްޓް ދިން ޓައިރީސް ހެލިބާޓަންއެވެ.

މީގެ އިތުރުން ޑެލަސް މެވްރިކްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރި މެޗު 136 ޕޮއިންޓް 124 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މި މެޗުގައި މެވްރިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ކައިރީ އާވިންގްއެވެ. ޕެލިކަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ބްރެންޑަން އިންގްރާމެވެ.

މި މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗު 107 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބު ކުރީ ރޮކެޓްސްއެވެ. މި މެޗުގައި ރިކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން އަލްޕެރެން ސެންގުމްއެވެ. އަދި، ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދީ 21 ރީބައުންޑް ނަގައިދީ 11 އެސިސްޓް ދީ ޓްރިޕްލް ޑަބަލްއެއް ހެދި ނިކޮލާ ޔޮކިޗްއެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ ތަކަށް ބަލާލާއިރު ލޮސް އެންޖަލިސް ލޭކާސް އާއި ޕޯޓްލަންޑް ޓްރެއިލް ބްރޭޒާސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 110 ޕޮއިންޓުން ލޭކާސް ކާމިޔާބުކުރިއިރު މިނެސޯޓާ ޓިމްބާވުލްވްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއާސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބާވުލްވްސްއެވެ.

އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 111 ޕޮއިންޓް 99 ޕޮއިންޓުން ތަންޑާ ކާމިޔާބު ކުރިއިރު ޝިކާގޯ ބުލްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 119 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ.

މީގެ އިތުރުން މައޭމީ ހީޓް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 118 ޕޮއިންޓް 113 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު މެމްފިސް ގްރިޒްލީސް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރި މެޗު 105 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ ގްރިޒްލީސްއެވެ. އަދި، ބްރޫކްލިން ނެޓްސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 102 ޕޮއިންޓް 94 ޕޮއިންޓުން ނެޓްސް ކާމިޔާބުކުރިއިރު ނިއުޔޯކް ނިކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 129 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ނިކްސްއެވެ.