20 May 2012, 11:57
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗް ޕެނަލްޓީޖަހައިގެން 3-4 ލަނޑުން މެޗް ކާމިޔާބުކޮށް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ޗެލްސީން އުފުލާލައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެއްގައި މީގެ ކުރިން ޗެލްސީ ވާދަކޮށްފައި ވަނީ 2007/2008 ގައެވެ. އެފަހަރު ޗެލްސީއަށް ނާކާމިޔާބީގައި ކުރިމަތި ލާންޖެހުނީ ނިމިދިޔަ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެގެންނެވެ.
ބަޔާންގެ އެލިއަންޒް އެރީނާ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބިގެން ދިޔަ ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
ޗެލްސީގެ ކެޕްޓަން ޓެރީއަށް ސަސްޕެންސަނަކާ ކުރިމަތިވެ، އޭނާ ނުލައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ގޯލު ޖަހަން ލިބުނު ފުރުސަތު ތަކުގެ ތެރޭގައި އެޓީމުގެ މާތާއަށާއި ފްރޭންކް ލަމްޕާޑަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ. އަދި ބަޔާންއަށް ފުރަތަމަ ހާފުގައި ގޯލް ޖަހަން ލިބުނު ފުރުސަތު ތަކުގެ ތެރޭގައި އެޓީމުގެ ރޮބެންއާއި ރިބެރީއަށް ލިބުނު ފުރުސަތުތައްވެސް ފާހަގަ ކޮށްލެވުނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ މުބާރާތުގެ ފައިނަލުގައި މިހާތަނަށް ޖުމްލަ ނުވަ ފަހަރު ވާދަކޮށްފައިވާ ބަޔާނުންނެވެ. އެލަނޑު ދެ ވަނަ ހާފުގެ 83 ވަނަ މިނެޓުގައި ބަޔާންއަށް ކާމިޔާބު ކޮށްދިނީ ޖަރުމަންގެ ފޯވާޑް ތޯމަސް މުލާއެވެ.
މުލާގެ ލަނޑާއެކު މެޗުގެ ލީޑް ބަޔާނުންނަގާ މުބާރާތުގެ ތަށި ފަސް ވަނަ ފަހަރަށް ހޯދުމުގެ އުންމީދުގައި ވަނިކޮށް، އިދިކޮޅު ޗެލްސީގެ އުންމީދުތައް އެޓީމަށް އާކޮށްދިނީ މިސީޒަނަށް ފަހު ޗެލްސީ ދޫކޮށްލާނެ ކަމަށް މީޑިއާގައި މިވަގުތު އަޑު ފެތުރިފައިވާ އެޓީމުގެ އައިވަރީ ކޯސްޓުގެ ހުނަރުވެރި ފޯވާޑް ޑިޑިއާ ޑްރޮގްބާ އެވެ.
ޑްރަގްބާ މެޗުގެ 88 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބު ކޮށްދިން ލަނޑާއެކު، މެޗު ބެލުމަށްޓަކައި ބަޔާންގެ އަމިއްލަ ދަނޑަށް ވަދެތިބި އެޓީމުގެ ސަޕޯޓަރުންގެ އަޑު މުޅިންކެނޑިގެން ދިޔަކަމަށް ވެސް ބައެއް މީޑިއާ ތަކުން ވަނީ ބުނެފައެވެ.
ބަޔާނުން މިހާތަނަށް މުބާރާތުގެ ފައިނަލުގައި ނުވަ ފަހަރު ވާދަކޮށްފައިވާއިރު ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދައި ފަސް ވަނަ ފަހަރަށް ވަނީ ބަލިވެފަ އެވެ.
މެޗުގެ 90 މިނެޓުގެ ކުޅުންނިމި، އިތުރަށް ދެއްކި ހަތަރު މިނެޓުގެ ކުޅުން ހަމަވިއިރުވެސް ދެޓީމުގެ ނަތީޖާ 1-1 ލަނޑުން އެއްވަރުވެފައި ވުމުން އިތުރަށް ދެއްކި ދެހާފުގެ ކުޅުމުގައި ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެޓީމަށް ވަނީ ލިބިފައެވެ.
މެޗުގެ 112 ވަނަ މިނެޓުގައި ބަޔާނުގެ ފްރޭންކް ރިބެރީ އަށް ޑްރޮގްބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އާޔެން ރޮބެން ޖެހުމުން ޗެލްސީގެ ޗެކް ވަނީ ހުށިޔާރުކަމާ އެކު އެ ޕެނަލްޓީ ދިފާއުކޮށްފައެވެ.
އިތުރަށް ކުޅުނު ދެ ހާފުގެ ކުޅުންނިމުމުން ދެތީމް ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވުމުން، ޕެނަލްޓީ ޝޫޓް އައުޓުގައި ބަޔާނުގެ ކެޕްޓަން ފިލިޕް ލާމް ޕެނަލްޓީ ކާމިޔާބުކުރި އިރު ޗެލްސީގެ ހުއާން މާތާގެ ޕެނަލްޓީ ބަޔާނުގެ ކީޕަރު މެނުއަލް ނޯޔާ ދިފާއުކުރި އެވެ. އަދި އޭގެ ފަހުން ބަޔާނުގެ ގޯމޭޒް އާއި ނޯޔާ އަދި ޗެލްސީގެ ޑަވިޑް ލުއިޒް އާއި ފްރޭންކް ލަމްޕާޑް ޕެނަލްޓީ ކާމިޔާބުކުރި އެވެ. ބަޔާނަށް މައްސަލަ ދިމާވީ އިވިކާ އޮލިޗް ޖެހި ޕެނަލްޓީ ޗެކް ދިފާއުކުރުމުންނެވެ.
ޕެނަލްޓީ ސޫޓްއައުޓްގައި ޗެލްސީއިން ހިތްވަރު ހޯދާ އުންމީދު އާކުރީ، އެޓީމުގެ އޭޝްލީ ކޯލް ޕެނަލްޓީ ކާމިޔާބުކޮށް ޖެހިގެން އައި ޕެނަލްޓީ ބަޔާނުގެ ބަސްޓިއަން ޝްވެންސްޓެއިގާ އަށް ނާކާމިޔާބުވި ހިސާބުންނެވެ. އޭނގެ ފަހުން ރޭގެ މެޗުގައި މޮޅުކުޅުމެއް އެކުޅުންތެރިއެއްގެ ފަރާތުން ހަމައެކަނި ފެނިގެން ދިޔަ ޗެލްސީގެ ފޯވާޑް ޑްރޮގްބާ ވަނީ އޭނާގެ ޕެނަލްޓީ ވައްދާލައި ޗެމްޕިއަންށް ލީގުގެ ތަށި ޗެލްސީ އަށް ކަށަވަރު ކޮށްދިނެވެ. އަދި އެއަށްފަހު ޑްރަގްބާ ވަނީ އުފާފާޅު ކުރުމުގެ ގޮތުން އޭނަގެ ޖޯޒީ ބޭލުމަށްފަހު ބަޔާންގެ ސަޕޯޓަރުންގެ ކުރިމަތީގައި ދުވެ، އުފާފާޅު ކޮށްފައެވެ.
މެޗަށްފަހު ޗެލްސީގެ ކޯޗް ޗެލްސީގެ ކޯޗު ރޮބާޓޯ ޑި މަޓެއޯ ބުނީ، ކުޅުންތެރިން ކުރި ހިތްވަރުގެ އަގުވަޒަންވެއްޖެ ކަމަށާއި މިލިބުނު ކާމިޔާބީގެ އުފަލުގައި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ސާބަސް ރައްދުވާ ކަމަށެވެ. އަދި އެންމެ ފަހު ވަގުތާހަމައަށް ކުޅުންތެރިން ދެއްކި ކުޅުމާ އެއްވަރަށް ޓީމުގެ ސަޕޯޓަރުން ވެސް ފަހު ވަގުތާ ހަމައަށް ކުރި މަސައްކަތުގެ ނަތީޖާ ނެރެދިނީ ޑްރަގްބާ ކަމަށް ވެސް ރިބާޓޯ ވަނީ ބުނެފައެވެ.