ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ތެޔޮ އެތެރެކުރުން މަނާކޮށްފައި އޮތް ދަނޑިވަޅުގައި، ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑިފައިވާއިރު، އެ ތަނުގައި ދުވަސްނުފުރާ ވިހާފައި ތިބި ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ފޮއިލަށް ލައި، ހޫނު ފެނާއި ކައިރީގައި ބައިތިއްބާފައި ތިބި ކަމަށް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ޝިފާ ހޮސްޕިޓަލްގައި އިންކިއުބޭޓަރަށް ލާފައި ތިބި ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކުރެވޭތޯ ހޮސްޕިޓަލުގެ މުވައްޒަފުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ މުހައްމަދު އަބޫ ސަލަމިޔާއާ ހަވާލާދީ 'ސީއެންއެން'އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތުއްތު ކުދިން މިހާރު ވަނީ އިންކިއުބޭޓަރުން ނަގާފައެވެ. އެ ކުދިން ފޮއިލަށް ލާފައި ހޫނުފެނާއި ކައިރީގައި ބައިތިއްބައިގެން ހޫނު ކުރެވޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަނެޓްގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އިންކިއުބޭޓަރުތަކުން ނަގާފައިވާ ތުއްތު ކުދިން ވަނީ އެއްވެސް އެހީތެރިކަމެއް ނުލިބި އެނދުމަތީގައި ބަރިއަކަށް ބައިތިއްބާފައެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑިފައިވާއިރު، އެ ހޮސްޕިޓަލްގެ އިންކިޔުބޭޓަރުތަކަށް ލާފައިތިބި 39 ކުއްޖަކު ދިޔައީ މަރާ ހަނގުރާމަ ކުރަމުންނެވެ. އެ ތަނުން އެއް ކުއްޖަކު ހޮނިހިރު ދުވަހު މަރުވެފައިވާ ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

ޝިފާ ހޮސްޕިޓަލުގެ ކައިރި ސަރަހައްދުތަކުގަޔާއި، ހޮސްޕިޓަލުގެ ގޯތި ތެރޭގައި ޝަހީދުވެފައިވާ އެތައް ބައެއްގެ ހަށިގަނޑުތައް އެބަ ހުރި ކަމަށް ވެސް ހޮސްޕިޓަލުގެ އޮފިޝަލަކު ވަނި ބުނެފައެވެ. ނަމަވެސް ހަށިގަނޑުތައް ވަޅުލަން ބޭނުންވިޔަސް އިސްރާއީލުގެ ހަމަލާތަކާހެދި އެކަން ނުކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ޝަހީދު ވެފައިވާ މީހުންގެ ހަށިގަނޑުތައް ކައިރިއަށް ދިއުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އަލް ޝިފާ ހޮސްޕިޓަލުގެ އެމްބިއުލާންސްތަކަށް ވެސް އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ އެމްބިއުލާންސް ޑްރައިވަރެއް ވެސް ވަނީ ބުނެފައެވެ.

ހުކުރު ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަމާޒުކުރަމުންދަނީ ހޮސްޕިޓަލްތަކަށެވެ. އެގޮތުން ޝިފާ ހޮސްޕިޓަލަށް ހަމަލާތައް ދީފައިވާއިރު، އެ ތަނުގައި އެތައް ބަލި މީހުންނާއި ޒަޚަމްވެފައިވާ މީހުންގެ އިތުރުން ބޯހިޔާވަހިކަން ގެއްލިފައިވާ އެތައް ބަޔަކު ވެސް އެބަތިއްބެވެ. ތެޔޮ ނުލިބުމުގެ ސަބަބުން ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑިފައިވާއިރު، ޣައްޒާގެ އެންމެ ދުވަސްވީ ހޮސްޕިޓަލް، އަލް ޤުދުސް ހޮސްޕިޓަލް ވެސް ވަނީ ހުއްޓިފައެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 11،000 އަށްވުރެ ގިނަ ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައި އޮންނަ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ވެސް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުންނެވެ.