13 Nov 2023, 23:01
ވިމެންސް ސުޕާ ލީގުގައި އާސެނަލް ވިމެންއިން ފަހަތުން އަރައި ލެސްޓާ ސިޓީ ވިމެން ބަލިކޮށްފިއެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މިމެ ޗު އާސެނަލުން ކާމިޔާބުކޮށްފައިވަނީ 6-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދަފައިވަނީ އާސެނަލުންނެވެ.
ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ލެސްޓާއިންނެވެ. މިގޮތުން މެޗުގެ 36 ވަނަ މިނެޓްގައި ލެސްޓާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސޭމް ޓިއާނީއެވެ. މިއީ އޭނާ ލެސްޓާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އެ ލަނޑު ޖެހިތާ 54 ސިކުންތު ފަހުން ޖެނީސް ކޭމަން ޖަހައިދިން ލަނޑާ އެކު ލެސްޓާއިން އެ ޓީމުގެ ލީޑު ފުޅާކުރިއެެވެ.
މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނެޓްގައި ޖަހައިދިނީ ކްލޯއި ލަކާސޭއެވެ. މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އަލޭސިއޯ ރޫސޯ ޖަހައިދިން ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގައި އާސެނަލުން ފުރަތަމަ ފަހަރަށް ލީޑު ނަގައިފާވަނީ މެޗުގެ 58 ވަނަ މިނެޓުގައި ކައިޓްލިން ފޯޑް ޖަހައިދިން ލަނޑުންނެެވެ.
އާސެނަލުން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓޯރިއާ ޕެލޯވާއެވެ. އަދި، ފަހު ދެލަނޑު މެޗުގެ 75 ވަނަ މިނެޓާއި މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ސްޓިނާ ބްލެކްސްޓޭނިއަސް އާއި ލީނާ ހާޓިގްއެވެ.
މި ކާމިޔާބީއާ އެކު އަސެނަލް ވިމެން މިހާރު ވަނީ ކުޅުނު ހަ މެޗުން ލިބިފައިވާ 13 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައަށް އަރައިފައެވެ. ލެސްޓާ ވިމެން އުޅެނީ ހަތް ޕޮއިންޓާ އެކު ތާވަލްގެ ހަތްވަނައިގައެވެ.