ފަންސާސް މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް, ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކުއެވެ. އަދި އަމިއްލަ މެންބަރެއްގެ ގޮތުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ސޮއިކުރައްވާފައެވެ.

އެމްޑީޕީން އީވާ މަގާމުން ވަކިކުރަން ނިންމާ މަޖިލީހަށް ގަރާރެއް ހުށަހެޅި އިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ އެޖެންޑާ ކުރި ދެވަނަ ޖަލްސާގެ ރިޔާސަތާ ހަވާލުވުމަށް އެކަމަނާ ވަޑައިގަތެވެ. އެއީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސަލާމުގައި ހުންނެވުމަށް ފަހުގައެވެ. އަދި އިއްޔެގެ ހެނދުނުގެ ޖަލްސާއަށް ވެސް ސަލާމްފޮނުއްވުމަށް ފަހުއެވެ.

މިއީ އީވާ ވަކިކުރަން އެމްޑީޕީއިން ހުށަހެޅި ދެވަނަ ފަހަރެވެ. ކުރީ ފަހަރު ނަޝީދާއެކު އީވާ ވަކިކުރަން ހުށަހެޅުމުން މަޖިލިސް ހުއްޓުމަކަށް އައުމުގެ ސަބަބުން އެމްޑީޕީން ފަހުން ވަނީ އެ މައްސަލަ ނަގައިފައެވެ.

ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މިހާރު މަޖިލީހުގައި ކުރިއަށް ދާއިރު ރިޔާސަތުގައި އިންނެވީ އީވާއެވެ. މަޖިލިސް ކުރިއަށް ނުގެންދެވިގެން އުޅެނީ ނަޝީދާއި އީވާ ވެސް ނިސްބަތްވާ ޑިމޮކްރެޓްސްއިން ތަޅުމުގައި އަޑުގަދަ ކުރާތީއެވެ.