ވޮޝިންޓަން (13 ނޮވެންބަރު 2023): އިސްރާއީލުގެ ވައިގެ ހަމަލާތަކާއި އެއްގަމު ހަމަލާތަކުގެ މައިގަނޑު އަމާޒަކަށް ޣައްޒާގެ ހޮސްޕިޓަލްތައް ހަދައި ބަލިމީހުންނާއި ދުވަސްނުފުރައި ވިހާ ތުއްތުކުދިން އެތައް ސަތޭކައަކުން މަރަމުން ގެންދިޔަނަމަވެސް އިސްރާއީލުން އިއުލާނުކޮށްފައިވާ އަސްކަރީ މަގްސަދު ހާސިލު ނުކުރެވޭ ކަމަށާއި ހަމާސް ބަލިކޮށްލުމަކީ އިސްރާއީލަަށް ކުރެވިދާނެކަމެއް ކަމާމެދު އެމެރިކާގެ ޖާސޫސީ އިދާރާ ޝައްކު ކުރާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ "ވޯލްސްޓްރީޓް ޖޯނަލް" ބުނާގޮތުން އެއްގަމުން ޣައްޒާއަށް ވަދެގެނަގެން ހިންގާ އަސްކަރީ ހުރިހާ އޮޕަރޭޝަންތަކަކުންވެސް އިސްރާއީލަށް ދަނީ ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިވަމުންނެވެ. މި ނާކާމިޔާބީގެ ތެރޭގައި އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން މަރުވުމާއި ޒަޚަމްވުމާއި ޓޭންކާއި އާމެޑް ވެހިކަލްތައްފަދަ ހަނގުރާމައިގެ އާލާތްތައް ހަލާކުވުން ހިމެނެއެވެ.

މީގެއިތުރުން ހަމާސްއިން ހައްޔަރުކޮށްފައިވާ އަސީރުންގެ އެކަކުވެސް މިހާތަނަށް މިނިވަންކުރެވޭގޮތް ނުވުމަކީ އިސްރާއީލަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބެވެ.

އިސްރާއީލުން ހަމަލާދެނީ ރައްދު ނުދެވޭ ވަރުގެ ފަލަސްތީނުގެ ކުޑަކުދިންނަށް

ޣައްޒާއާ ދެކޮޅަށް އިސްރާއީލު ފަށާފައިވާ ހަނގުރާމައިގެ މަގްސަދަކީ ހަމާސް ޖަމާއަތް ބަލިކޮށްލުމާއި ހަމާސްގެ އަތްދަށުގައިވާ 250 އެއްހާ އަސީރުން ބާރުގެ ބޭނުންކޮށްގެން މިނިވަން ކުރުމެވެ. ނަމަވެސް ހަނގުރާމައަށް މަހަކަށްވުރެ ގިނަދުވަސްވެފައިވާއިރު ޣައްޒާގެ އާންމުން މެރުމާއި އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކަށް ހަމަލާދީ އެތަންތައް މުޅިން ސުންނާފަތި ކުރުން ނޫން އެހެން އެއްވެސް ކަމެއް އިސްރާއީލަށް ކުރެވިފައިނުވާކަމަށް "ވޯލްސްޓްރީޓް ޖޯނަލް" ބުނެއެވެ.

އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ "ވޯލްސްޓްރީޓް ޖޯނަލް" ބުނާގޮތުން ހަމާސް އަސްކަރީ ގޮތުން ބަލިކުރުމަކީ އިސްރާއީލަށް ކުރެވިދާނެކަމެއް ކަމާމެދު އެމެރިކާގެ ޖާސޫސީ އިދާރާ "ސީއައިއޭ"ގެ އިސް މަސްއޫލުވެރިންނާއި އެމެރިކާގެ ދިފާއީ ވުޒާރާ "ޕެންޓަގަން"ގެ ޖެނެރަލުން ވަރަށް ބޮޑަށް ޝައްކު ކުރެއެވެ.

ހަމާސްގެ ތަރުޖަނާމު އަބޫއުބައިދާ އިއްޔެ ދެއްވި ބަޔާނުގައިވާގޮތުން އިސްރާއީލުގެ 136 އަސްކަރީ އުޅަނދު ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ. އަދި އިތުރު 60 ވަރަކަށް އުޅަނދުވަނީ އެއްކޮށް ހަލާކުކޮށް ނުލެވުނުނަމަވެސް އޭގެ ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލާފައެވެ.

ހަމާސްގެ މުޖާހިދުން

ހަމާސްގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 400 އަށް ވުރެ ގިނަ ސިފައިން ޣައްޒާގެ ހަނގުރާމައިގާ މަރާލެވިފައިވާނެކަމަށް އަލްޖަޒީރާގެ އަސްކަރީ މުހައްލިލު ރިޓަޔަޑް ޖެނެރަލް ފާއިޒު އައްދުވައިރީ ވިދާޅުވެއެވެ. ނަމަވެސް އިސްރާއީލު ބުނާގޮތުން ޣައްޒާ ހަނގުރާމައިގާ ހަމާސްގެ ހަމަލާތަކުގައި މަރުވެފައިވަނީ އެގައުމުގެ 45 ސިފައިންނެވެ. އަދި މިހާތަނަށް ޒަޚަމްވެފައިވަނީ 100 ވަރަކަށް ސިފައިންނެވެ. މީގެތެރެއިން ދެމީހުން މަރާލާފައިވަނީ ހަމާސްގެ ހަަމަލާތަކުގައި މިއަދު ހެނދުނު ޣައްޒާގައެވެ.

މިދިޔަ މަހުގެ 7 ގައި ހަމާސުން އިސްރާއީލާ ދެކޮޅަށް ހިންގި އަގްސާ ތޫފާން އޮޕަރޭޝަންގައި އިސްރާއީލުގެ 1538 މީހުން މަރާލާފައިވާއިރު މީގެތެރޭގައި 140 ސިފައިން ހިމެނޭކަމާއި އަގްސާ ތޫފާންގައި އިސްރާއީލުގެ 5431 މީހުން ޒަޚަމްވެފައިވާކަމަށް އިސްރާއީލުގެ ސަރުކާރުންވަނީ އިއުތިރާފުވެފައެވެ.

އަލްޖަޒީރާގެ އަސްކަރީ މުހައްލިލު ރިޓަޔަޑް ޖެނެރަލް ފާއިޒު އައްދުވައިރީ ވިދާޅުވެފައިވާ ގޮތުގައި ޣައްޒާއަށް އެއްގަމުން ވަދެގަންނަ އިސްރާއީލު ސިފައިންނާ ކުރިމަތިލުމަށް ހަމާސް ޖަމާއަތުން މިހާތަނަށް ނެރެފައިވަނީ އެޖަމާއަތުގެ ރިޒާވް ބާރުތަކުގައި ހިމެނޭ ދެ ބެޓަލިޔަން ކަމަށްވާ އައްޝުޖާއިއްޔާ އާއި އައްތުއްފާހު މިދެ ބެޓަލިޔަން އެވެ.

ހަމާސްގެ އެންމެ ބާރުގަދަ ލަޝްކަރުތައް އަދި ހަނގުރާމައަށް ނުނެރޭކަމަށާ ހަމާސްގައި 12 ލަޝްކަރު ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ހަމާސްގެ މުޖާހިދުންގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން ހަނގުރާމައިގާ އަދި ބައިވެރިނުވާކަމަށް ރިޓަޔަޑް ޖެނެރަލް އައްދުވައިރީ ވިދާޅުވިއެވެ.