13 Nov 2023, 15:47
ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ޑިޕޯޓިވޯ އަލަވޭޒް ބައްދަލުކުރި މެޗް ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމް ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ނަމަވެސް މި މެޗްގެ ފެށުން ރަނގަޅުވީ އަލަވޭޒްގެ އެވެ.
މި ގޮތުން މެޗްގެ ފުރަތަމަ މިނެޓްގައި އަލަވޭޒްއިން ވަނީ އެ ޓީމުން މި މެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. މެޗްގެ 18 ވަނަ ސިކުންތުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސާމޫ އޮމޮރޮޑިއޯންއެވެ. މި ލަނޑައެކު މުޅި ދަނޑަށް ހަމަހިމޭންކަން ވެރިވަގަތެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ޖެހޭތޯ ބާސާއިން މަސައްކަތް ކުރި ނަމަވެސް އަލަވޭޒްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އަދި އޮމޮރޮޑިއޯންއަށް ވަނީ އަލަވޭޒްގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެސް ވެފައެވެ.
މި މެޗްގައި ބާސާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. އަދި މި މެޗުން ބާސާ މޮޅުވި ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ވެސް ލެވަންޑޯސްކީއެވެ. މިއީ އޭނާ މި ފަހަރު ލީގުގައި ކާމިޔާބުކުރި ހަތް ވަނަ ލަނޑެވެ.
މި މެޗުން މޮޅުވި ނަމަވެސް ބާސާގެ ފަރާތުން މި މެޗްގައި މާ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މި ކާމިޔާބީއާއެކު ބާސާ އުޅެނީ ކުޅުނު 13 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. އެއް ވަނައިގައި 34 ޕޮއިންޓާއެކު ޖިރޯނާ އުޅޭއިރު ދެވަނަައިގައި 32 ޕޮއިންޓާއެކު އުޅެނީ ރެއާލް މެޑްރިޑެވެ. އަދި އަލަވޭޒް އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.