އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރެންޓްފަޑް ބައްދަލުކުރި މެޗް ލިވަޕޫލްއިން ކާމިޔާބުކޮށް ތާވަލްގެ ދެވަނައަށް ކުރިއަށް އެ ޓީމް ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ ތިން ލަނޑު ސުންލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ.

މި މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ބްރެންޓްފަޑްއިން ވަނީ ލިވަޕޫލަށް ލަނޑެއް ޖެހުނަނުދީ ހިފެހެއްޓުމަށް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މިގޮތުގައި އެޓީމަށް ހިފަހައްޓާލެވޭވަރުވީ މެޗްގެ 39 ވަނަ މިނެޓާއި ހަމައަށެވެ. މި މެޗްގެ 39 ވަނަ މިނެޓްގައި ލިވަޕޫލްއިން ވަނީ މުހައްމަދު ސަލާހް ޖަހައިދިން ލަނޑާއެކު މެޗްގެ ލީޑު ނަގައިފައެވެ. މި މެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހައިދިނީވެސް ސަލާހްއެވެ. މިއީ އޭނާ މިފަހަރު ލީގުގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. މި މެޗްގައި ލިވަޕޫލްގެ ފަހު ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހައިދިނީ ޑިއޮގޯ ޖޮޓާއެވެ.

މި މެޗްގައި ބްރެންޓްފަޑްއަށް ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ބްރަޔަން އެމްބެއުމޯއެވެ. އޭނާ ގޯލަށް ފޮނުވާލި ހަމަލާ ލިވަޕޫކް ގޯލް ރޮނގުމަތިން ވަނީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ދިފާއުކޮށްފައެވެ.

މި ކާމިޔާބީއާއެކު ލިވަޕޫލް އިން މި ވަނީ މިހާތަނަށް ކުޅުނު 12 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ އާސެނަލްއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލަށް ބަލާއިރު އެ ޓީމަށް ކުރި ލިބޭތީއެވެ. އަދި ތާވަލްގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ދެމެދުގައިވާ ފަރަގުވެސް މިހާރު ވަނީ އެއް ޕޮއިންޓަށް ކުޑަވެފައެވެ. އަދި އިންޓަނޭޝަނަލް ބްރޭކަށްފަހު ލީގުގައި ވާދަކުރާ ފުރަތަމަ މެޗްގައި ސިޓީ އާއި ދެކޮޅަށް ނިކުންނަން ޖެހޭތީ އެ މެޗް ކާމިޔާބު ކޮށްދިންނަމަ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެ ޓީމަށް ލިބިގެންދާނެއެވެ. މި މެޗުން ބަލިވުމުން ބްރެންޓްފަޑް މިހާރު އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.