13 Nov 2023, 15:42
އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހު ވަގުތު ކޯލް ޕާލްމާ ޖަހާދިން ލަނޑާއެކު ޗެލްސީއިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިފަހައްޓާލައިފިއެެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ ހަތަރު ލަނޑު ހަތަރު ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗްގައި ސިޓީއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ.
ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައިވަނީ ސިޓީއިންނެވެ. މެޗްގެ 25 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާލިން ހާލަންޑްއެެވެ.
ނަމަވެސް ސިޓީއަށް މި ލީޑު ދެމެހެއްޓޭ ގޮތްވީ އެންމެ ހަތަރު މިނެޓަށެވެ. ޗެލްސީއިންވަނީ މެޗްގެ 29 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ތަޖްރިބާކާރު ޑިފެންޑާ ތިއާގޯ ސިލްވާއެވެ. އަދި މެޗްގެ 37 ވަނަ މިނެޓްގައި ސިޓީއަށް ކުރިން ކުޅުނު ރަހީމް ސްޓާލިން ޖަހާދިން ލަނޑާއެކު މިމެޗްގައި ފުރަތަމަ ފަހަރަށް ޗެލްސީއިން ލީޑު ނެގިއެވެ.
ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސިޓީގެ ޑިފެންޑާ މެނުއަލް އަކާންޖީ ޖަހާދިން ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. މިމެޗްގެ ދެވަނަ ހާފްވެސްވީ ފުރަތަމަ ހާފެކޭ އެއްގޮތަށް ވަރަށް ފޯރިގަދަ އަދި ކުޅިބެލުންތެރިން ބަލާހިތްވާ ކަހަލަ ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔަ ހާފަކަށެވެ. މިގޮތުން ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ހާލަންޑް މިމެޗްގައި ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކު ސިޓީއިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.
މިމެޗްގައި ޗެލްސީއިން ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 67 ވަނަ މިނެޓްގައި ނިކޮލަސް ޖެކްސަން ޖަހާދިން ލަނޑުންނެވެ. މިނަތީޖާގައި އޮވެގެން މެޗް ނިމެން ދަނިކޮށް މެޗްގައި އަނެއްކާވެސް ސިޓީއިން ލީޑު ނެގީ މެޗްގެ 86 ވަނަ މިނެޓްގައި ރޮޑްރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑާއެކު މިމެޗުން ސިޓީ މޮޅުވެދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔަ ނަމަވެސް ޗެލްސީއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޕެނަލްޓީ އެއް ލިބި މެޗްގައި ތިންވަނަ ފަހަރަށް އެއްވަރު ކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ.
މިޕެނަލްޓީ ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަތަރު ލަނޑު ހަތަރު ލަނޑުން އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ މިސީޒަންގެ ކުޅުންވެސް ފެށުނު ފަހުން ސިޓީއިން ޗެލްސީއަށް ބަދަލުވި ޒުވާން ކުޅުންތެރިޔާ ޕާލްމާއެވެ.
މިމެޗް އެއްވަރު ވުމުން ސިޓީއަށް މިވަނީ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އެޓީމަށް ލިބިފައިވި ލީޑު ފުޅާކުރުމަށް ލިބިގެންދިޔަ ފުރުސަތު ގެއްލިގެން ގޮސްފައެވެ. ސިޓީއަށް މިހާރު ޕޮއިންޓް ތާވަލްގައި ލިބިފައިވަނީ އެއް ޕޮއިންޓްގެ ލީޑެކެވެ. އެއީ 12 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނަ އާއި ތިންވަނައިގާ 27 ޕޮއިންޓާއެކު މިހާރު އުޅެނީ ލިވަޕޫލާއި އާސެނަލްއެވެ. ޗެލްސީ އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.