20 May 2012, 11:55
ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން ކޮމިއުނިޓީ އީ ސެންޓާ ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.
އެ ސެންޓަރުން ބުނީ މިއަދު ފެށި ވޯކްޝޮޕަކީ ސަރުކާރުން ދޭ ހިދުމަތްތަކުގެ މައުލޫމާތު ކުދި ރަށްރަށަށް ހިއްސާކުރާ ވަސީލަތްތައް ތައާރަފް ކުރުމަށާއި އައިސީޓީގެ ވަސީލަތް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ހޭލުންތެރިކުރުމަށް ފެށި ވޯކްޝޮޕެއް ކަމަށެވެ.
ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު އިސްހާގް އަހުމަދު ވިދާޅުވީ މިއީ އަތޮޅުތަކުގެ ކުދިކުދި ރަށްރަށަށް މައުލޫމާތާއި މުއާސަލާތާއި ޓެކްނޮލޮޖީގެ ފައިދާ މިއީ ސާކްގެ ޑިވެލޮޕްމެންޓް ފަންޑުގެ ދަށުން ފޯރުކޮށް ދިނުމުގެ މަސައްކަތެއް ކަމަށާއި މި ނިޒާމް ރާއްޖޭގެ 50 ރަށެއްގައި ގާއިމް ކުރާނެ ކަމަށެވެ.
"މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކުދިކުދި މުޖުތަމައުތަކަށް އައިސީޓީގެ މަންފާ އަދި ފައިދާ ފޯރުކޮށް ދިނުން، އަދި އައިސީޓީގެ މަންފާ އެކަށޭނަ ގޮތެއްގައި ނުލިބޭ މުޖުތަމައުތަކާއި އެހެނިހެން މުޖުތަމައުގެ ފަރަގު ކުޑަކޮށް ދިނުން. ރާއްޖޭގެ ވަކިވަކި އޮތް ކުދިކުދި މުޖުތަމައުތަށް އައިސީސީޓީގެ އިންގުޅިފައިވާ މުޖުތަމައަކަށް ހެދުން" އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މި މަސައްކަތުގައި ރާއްޖޭގައި ޑިޖިޓަލް ސޮސައިޓީއެއް ގާއިމްވެގެން ދިއުމަށް މަގުފަހި ވާނެ ކަމަށެވެ.
މިއަދު ފެށި ވޯކްޝޮޕް ގައި ފަސްބުރެއް ކުރިއަށްގެންދާނެ އެވެ. ކޮންމެ ބުރެއްގައި ރާއްޖޭގެ 10 ރަށަކުން 20 ފަރާތެއް ބައިވެރި ކުރާނެ އެވެ.