14:45


ގާނޫނުގައި ބުނާ ޝަރުތު ފުރިހަމަނުވާ ފަނޑިޔާރުންނަށް އެ ޝަތުރު ފުރިހަމަކުރުމަށް ހަތް އަހަރު ދުވަސް ދިނުމަށް ކަނޑައަޅައި، ފަނޑިޔާރުންގެ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހަށް މިއަދު ފޮނުއްވައިފި އެވެ.


އިންތިގާލީ މަރުހަލާ ނިމިދިޔައިރު ވެސް، ޖަލްސާގެ އެޖެންޑާ ތަރުތީބު ކުރުމުގައި، ބޮޑު ދެޕާޓީ ކަމުގައިވާ ޑީއާރުޕީ އާއި އެމްޑީޕީގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމުގެ ސަބަބުން، މަޖިލިސް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު، އިންތިގާލީ މަރުހަލާގެ ކަންތައްތައް ނިންމުމަށްޓަކައި މިއަދު ބޭއްވި ޖަލްސާގައި، މި ބިލު ފާސްކޮށްފައި ވަނީ އެވަގުތު ޖަލްސާގައި ތިއްބެވި، 75 މެންބަރުންގެ ތެރެއިން 71 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް ބިލު ފާސްކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވި އެވެ.


މި ބިލު ފާސްކޮށްފައި ވަނީ މެންބަރުން ހުށަހެޅުއްވި ބައެއް އިސްލާހްތަކާއެކުގަ އެވެ. މި ބިލުގައި ބުނާގޮތުން، މި ގާނޫނު ފާސްކުރާއިރު ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ ތެރެއިން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަތުރު ފުރިހަމަނުވާ ފަނޑިޔާރުންނަށް އެ ޝަރުތު ފުރިހަމަ ކުރުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަނުން ހަތް އަހަރު ދުވަހުގެ މުއްދަތެއް ދޭންޖެހެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރުތު ފުރިހަމަނުކޮށްފި ނަމަ، އެއީ އެކަށީގެންވާ އިލްމު ލިބިފައިވާ ފަނޑިޔާރެއް ނޫން ކަމަށް ކަނޑައެޅުމުގެ ފުރުސަތު ޖުޑިޝަލް އާވިސް ކޮމިޝަނަށް ލިބިގެންވާ ކަމަށާއި، އެގޮތަށް ކަނޑައަޅައިފި ނަމަ އެ ފަނޑިޔާރަކު މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށް ވެސް ބިލުގައިވެ އެވެ.  އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާނީ، ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ އަށް ލިސްޓެއް ފޮނުއްވުމުން އޭގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ކަމަށް ވެސް ބިލުގައި ހިމަނައިފައިވެ އެވެ.  މީގެ އިތުރުން އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގައި ތިއްބަވާނީ، ޖުމްލަ ހަތް ފަނޑިޔާރުން ކަމަށް ވެސް ބިލުގައި ބުނެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ބިލު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުމުން، ލަސް ނުކުރައްވައި ބިލު ތަސްދީގު ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ދީފައިވާ ކަމަށެވެ. އަދި ބިލު ތަސްދީގު ކުރެއްވުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ހަމަޖެއްސެވުމަށް، ބިލުގައިވާ އަދަދަށް ނަންފުޅުތަކެއް ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.


މި ބިލު ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުމަށް ޖަލްސާ މެދު ކަނޑުވާލައްވަމުން ޝާހިދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހަމަޖެއްސެވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް، 2:30 ގައި ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން މެންދުރުފަހުގެ ދަންފަޅީގައި، ރައީސް ފޮނުއްވާ ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ކޮމިޓީއަކަށް ފޮނުއްވުމަށްފަހު ހަވީރު ހަތަރެއްޖަހާއިރު އެ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައި، އެ ނަންފުޅުތަކަށް ވޯޓަށް އެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.


ފަނޑިޔާރުންގެ ގާނޫނުގެ ބިލު ދިރާސާކުރި ކޮމިޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒު އެ ކޮމިޓީގެ ރިޕޯޓް ޖަލްސާއަށް ހުށަހެޅުއްވުމުން، ބިލަށް ވާހަކަ ދެއްކެވުމަށް ހުޅުވާލެއްވި ފުރުސަތުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި، ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީނު އަލީ، މި ބިލުގެ ކަންތައް ކުރިއަށް ގެންދިޔަ ގޮތާމެދު ވާހަކަ ދެއްކެވި އެވެ.  އަދި ބިލުގެ މަސައްކަތް ނިންމުމަށްޓަކައި މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރު ލެއްވުމަށް ޝުކުރު އަދާކުރެއްވި އެވެ.


ނަމަވެސް ބިލުގެ މަސައްކަތް ގޮސްފައި ވަނީ އެންމެ ފުރިހަމައަށް ނޫން ކަމަށާއި، އެކަމާ ހިތްޕުޅު ހަމަނުޖެހުނު ނަމަވެސް މިވަގުތު ބިލު ފާސްވެގެންދާތީ ހިތްޕުޅުހަމަޖެހޭ ކަމަށް ވިދާޅުވެ، ޕީއޭއަށް ނިސްބަތްވެވަޑައިގަންނަވާ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވަނީ ފާޑުވިދާޅުވެފަ އެވެ.


މި ބިލުގެ މަސައްކަތް ކުރިއަށްގެންދާ ގޮތާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ނިޒާމީ ނުކުތާ ނަންގަވައިގެން އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ.  އަދި އިބްރާހީމް ރަޝީދު ވާހަކަ ދައްކަވަމުން ގެންދަވަނީ އެޖެންޑާ ކޮށްފައިވާ މައްސަލައަށް ނޫން ކަމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެ މަޖިލިސް ކުރިއަށް ގެންދަވަން ފެއްޓެވުމުން ވެސް ރަޝީދު ވަނީ އެކަންތައް ހުއްޓާ ނުލައްވައިފައި. އެހެންކަމުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި އިތުރު މެންބަރަކުވެގެން ރަޝީދުގެ އަތުގައި ހިއްޕަވައި މަޖިލީހުން ބޭރަށް ވަޑައިގެންނެވުމަށް ދަންނަވައި، އެ ބޭފުޅުން ވަޑައިގެން ރަޝީދު ޖަލްސާއިން ބޭރަށް ގެންދެވި އެވެ.