އަންނަ ހުކުރު ދުވަހު ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ވެސް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހާރު ހުންނެވި ސިވިލް ސާވިސްގެ މަގާމުގައި ދެމި ހުރުމަށް ހުރަހެއް ނެތް ކަމަށް، ކޮމިޝަނުން މިއަދު ބުނެފިއެވެ.

ސާޖިދާއަކީ ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. އެކަމަނާ އެމްއެފްޑީއޭގައި މަސައްކަތް ކުރައްވާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ސާޖިދާ ވަނީ މުއިއްޒުގެ ވެރިކަމުގައި ވެސް އެކަމަނާ މިހާރު ހުންނެވި ވަޒީފާގައި ހުންނެވުމުގެ ހުއްދައަށް ކޮމިޝަންގައި އެދިވަޑައިގެންފައެވެ.

އެކަމާ ގުޅޭގޮތުން "ސަން" އިން މިއަދު ސުވާލު ކުރުމުން ސީއެސްސީގެ ރައީސް މުޙައްމަދު ނާސިހު ވިދާޅުވީ ސާޖިދާ މަގާމުގައި ދެމި ހުރުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅެއްގެ އަނބިކަނބަލުންނެއް ވަޒީފާއެއް އަދާކުރައްވާފައެއް ނުވެއެވެ.

ގާނޫނުގައި ބުނެފައިވާގޮތުން ރައީސްގެ އަނބިކަނބަލުންނަށް އެލަވެންސެއް ލިބޭނެއެވެ. އެއީ ރައީސްގެ މުސާރަ ކަމަށްވާ އެއްލައްކަ ރުފިޔާގެ ތިންބައި ކުޅަ އެއްބައެވެ.