13 Nov 2023, 11:23
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ މަސައްކަތް ކުރުމަށް މިއަދު ތަވާލުކުރި ދެވަނަ ޖަލްސާ ވެސް ކުރިއަށްނުގެންދެވި، މެދުކަނޑާލައިފިއެވެ.
މިއަދު ދެ ޖަލްސާއެއް ތާވަލުކޮށްފައިވާއިރު، ހެނދުނު ބަޖެޓު ހުށަހެޅުމަށް ބޭއްވި ޖަލްސާ ކުރިއަށްނުގެންދެވުނީ ކޯރަމް ހަމަނުވުމުންނެވެ.
މިއަދު ހެނދުނު 9:00އަށް އެޖެންޑާ ކުރީ ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މި އަހަރުގެ ބާކީ ބަޔަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާއެވެ. ނަމަވެސް ކޯރަމް ހަމަނުވާތީ ޖަލްސާ ފެށުމަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނިންމެވީ ކޯރަމް ހަމަވަންދެން މެދުކަނޑާލާށެވެ.
ދިހައެއް ޖެހިއިރު ވެސް ކޯރަމް ހަމަނުވާ ވާހަކަ އިއުލާން ކުރެއްވުމަށް ފަހު އީވާ ވިދާޅުވީ، މެންބަރުންގެ އަދަދު ހަމަކުރަން މަސައްކަތް ކުރެއްވުމަށް ފަހު 10:45ގައި އަނެއްކާ ޖަލްސާ ފައްޓަވާނެ ކަމަށެވެ.
އެގަޑީގައި އީވާ ވިދާޅުވީ، މެންބަރުން ތަޅުމަށް ގެންނަން މަސައްކަތް ކުރި ނަމަވެސް އަދިވެސް ކޯރަމް ހަމަ ނުކުރެވޭ ކަމަށެވެ. ނަމަވެސް، ދައުލަތް ހުއްޓުމަކަށް ނައިސް، މަޖިލީހުން ކުރަން ޖެހޭ ކަންކަން ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިދެކޭ ގޮތުގައި ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެތޯ މާލިއްޔަތު ގާނޫނާއި ގާނުނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ބަޖެޓު ހުށަހެޅޭނެތީ މަސައްކަތްކެނޑިނޭޅި ކުރުމަކީ އަޅުގަނޑުގެ މައްޗަށް މިވަގުތު އޮތް ޒިންމާއެއް އެ މަސައްކަތް އަޅުގަނޑު ކުރިއަށްގެންދެވޭތޯ ބަލާނަން،" އީވާ ވިދާޅުވިއެވެ.
އެކަމަނާ ދެން ވިދާޅުވީ އަނެއްކާވެސް ޖަލްސާ މެދުކަނޑާލާނީ ކަމަށާއި ދެން ޖަލްސާ ކުރިއަށްގެންދާނެ އިރެއް ފަހުން އަންގާނެ ކަމަށެވެ.
އެއަށް ފަހު، 11:00 ޖެހި ފަހުން ދެވަނަ ޖަލްސާ ފެއްޓެވުމަށް ފަހު އީވާ ވިދާޅުވީ 60 މެންބަރުން ހާޒިރުވެ ތިއްބެވި ކަމަށެވެ. އޭރު އެމްޑީޕީ ބައެއް މެންބަރުން ގެންދެވީ ތަޅުމުގައި އަޑު ގަދަ ކުރައްވަމުންނެވެ. އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުންނެވީ، ރިޔާސަތުގެ ގޮނޑިކޮޅު ކައިރީގައި ކޮއްޅަށް ހުންނެވިއެވެ.
އެމްޑީޕީ މެންބަރުންގެ އިތުރުން ދަ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.
އީވާ ވިދާޅުވީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށާއި އެހެންވެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"އަޅުގަނޑު މިވަގުތު ނިޒާމް ލިބެންދެން ޖަލްސާ މިވަގުތަށް އަޅުގަނޑު މެދުކަނޑާލާނަން، ދެން ޖަލްސާއެއް ބާއްވާނެ ގަޑި އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް އަންގާލަން،" އީވާ ވިދާޅުވިއެވެ.
އިއްޔެގެ ހެނދުނަށް ނަޝީދުގެ އިތުބާރުގެ ގަރާރުގެ މަސައްކަތް އެޖެންޑާ ކުރުމުން، ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު ޙަސަން އަފީފް، އެ މައްސަލަ އަލުން ހުށަހެޅުމަށް އަންގަވައި ޖަލްސާ ނިންމަވާލެއްވިއެވެ.
އެއީ އެމްޑީޕީން ހުށަހެޅި މައްސަލައިގައި ގަރާރުގެ ސިފަ ނެތް ކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ހުށަހެޅި ނިޒާމީ ނުކުތާއަކާ ގުޅިގެންނެވެ.
މަޖިލީހުގެ އިދާރާއިން އަފީފްގެ ނިންމުން ބަލައިނުގަނެ، އަލުން އިއްޔެ މައްސަލަ އެޖެންޑާ ކުރުމުން ރިޔާސަތާ ހަވާލުވީ އީވާއެވެ. އަދި އެ މައްސަލަ އެއް ފަހަރު ރިޔާސަތުން ބޭރުކޮށްލާފައިވާތީ ދެން މައްސަލަ ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލެއްވީއެވެ.
މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން އިއްޔެ އެ މައްސަލަ ބަލައި، އަފީފާއި އީވާ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ނިންމިއެވެ. އަދި، ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ގަރާރުގެ މަސައްކަތުގައި ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ނިންމުމަށް، އާންމު ކޮމިޓީއަށް ލަފާ ދިނެވެ.
އާންމު ކޮމިޓީން ނިންމީ އެކަމާ ބެހޭ ގޮތުން އެޓާނީ ޖެނެރަލްގެ ލަފާއަށް އެދޭށެވެ. ރޭ އޭޖީ އިބްރާހިމް ރިއްފަތު ވަނީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަސްލަހަތު ހިމެނޭ މެންބަރުންނަށް އެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ.