ބައިނަލްއަގްވާމީ އިއްތިހާދުތަކުގެ މެދުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާ މެދު އިތުބާރު ގެއްލެނިކޮށް އެ އިތުބާރު އަލުން ހޯއްދަވައި ދެއްވާ ޚާރިޖީ ދާއިރާ ކޮޅަށް ޖައްސަވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރައީސް ޞާލިޙު ވެރިކަމަށް އައިއިރު ޚާރިޖީ ދާއިރާ އޮތީ ވަރަށް ހާލުގައި ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު އެ މަނިކުފާނު ވެރިކަމަށް އައިއިރު އޮތީ އިސްލާމީ ދެ ގައުމާ ގުޅުންކަނޑައިލާ، ކޮމަންވެލްތާ ވެސް ގުޅުން ކަނޑައިލައިފައިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާ ބައިނަލްއަގްވާމީ އިއްތިހާދުތަކުން ގުޅުން ކުޑަވެ އިތުބާރު ދިޔައީ ގެއްލެމުން ކަމަށާއި ރާއްޖޭގެ ޚާރިޖީ ދާއިރާ އޮތީ އެކަހެރިވެ މުޅިން ބާކީވެފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް ހަވާލުވިއިރު، ޚާރިޖީ އޮޑި ވަނީ ބިކަވެ ބާކީވެ އެކަހެރިވެފައި، ނަމަވެސް ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތު ތަންފީޒުކުރަން ފެށި ހިސާބުން ޚާރިޖީ އޮޑި ބައިނަލްއަގްވާމީ މައިދާނުގައި ބާރު ސްޕީޑްގައި ދުއްވައިގެންފި" ޝާހިދު ވިދާޅުވިއެވެ.

އެ ހާލަތުގައި ރާއްޖެ އޮއްވައި، ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތެއް ތަންފީޒުކޮށް އެ ސިޔާސަތުގެ ދަށުން ރައީސް ސާލިޙު މަސައްކަތް ފެއްޓެވިކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިއަދު ރާއްޖެއަކީ 192 ޤައުމުގެ ތެރެއިން 185 ޤައުމަކާ ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކޮށްފައިވާ ޤައުމެއް. އަދި 17 އެމްބަސީއާއި ދެ ކޮންސިއުލޭޓުގެ އިތުރަށް 35 ގައުމަކަށް ސަފީރުން އައްޔަންކުރެއްވި. އަދި 101 ގައުމަކަށް ވިސާއާއި ނުލާ ވަނުމުގެ ފުރުސަތު ވެސް މި ސަރުކާރުން ވަނީ ފަހިކޮށްދީފަ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ، ރާއްޖޭގެ ޚާރިޖީ ދާއިރާ ނަގައި ކޮޅަށް ޖައްސަވައިދެއްވުމުގައި ރައީސް ޞާލިޙު އަދާކުރެއްވި ދައުރަށް ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު ޚާރޖީ ދާއިރާއިން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް ލިޔެފައިވާ ފޮތަކާއި ކޮވިޑްގެ ދުވަސްވަރު ޚާރިޖީ ދާއިރާއިން ކޮށްފައިވާ މަސައްކަތްތައް ހިމަނާ ލިޔެފައިވާ ފޮތް ރައީސަށް ހަދިޔާކުރައްވާފައެވެ.