13 Nov 2023, 11:37
ވިނަރެސް ފުލެޓުތައް ވިއްކަން އާބަންކޯއިން ތައްޔާރުކުރި އޮންލައިން ޕޯޓަލަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އަދިވެސް އެ ޕޯޓަލް ރަނގަޅުވާނެ ދުވަހެއް ނޭނގޭ ކަމަށް އާބަންކޯއިން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ވިނަރެސް ފުލެޓުތަކުން ނުވިކި ހުރި ފުލެޓުތައް ވިއްކަން ހުޅުވާލީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.
ނަމަވެސް އެއް ފަހަރާ މާ ގިނަ މީހުން ވަނުމުން ޕޯޓަލްއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، އެ މައްސަލަ ހައްލުވަންދެން އެ ފުލެޓުތައް ވިއްކުން މެދުކަނޑައިލަން އާބަންކޯއިން ނިންމިއެވެ.
މިއަދު އާބަންކޯއިން 'ސަން' އަށް ބުނީ ޕޯޓަލް އަދިވެސް ރަނގަޅު ނުކުރެވޭ ކަމަށާއި އެ މަސައްކަތް މިހާރު އޮތީ މެދުކެނޑިފައި ކަމަށެވެ. އަދި ހައްލުވިހާ އަވަހަކަށް އަންގާނެ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ކަމުގެ ޝަކުވާ ވެސް ކޮށްފައެވެ.
ފްލެޓު ގަންނަން އެޕްލިކޭޝަން ހުށަހަޅަން މިމަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 10 ޖެހިއިރު ފުރުސަތު ހުޅުވާލުމުން އެ އެޕާޓްމަންޓްތައް ގަންނަން ފޯމްލާން މަސައްކަތް ކުރި ގިނަ ބަޔަކަށް ފޯމްލުމުގެ ފުރުސަތެއް ނުލިބުނެވެ. ޖުމުލަ 1،344 ޔުނިޓް ހިމެނޭ ވިނަރެސް ފްލެޓުތަކުގެ ތެރެއިން އެ ދުވަހު ވިއްކަން ހުޅުވާލީ ނުވިކި ހުރި 123 ޔުނިޓެވެ.
ޕޯޓަލުން އެންމެ ފަހުން ދެއްކި ގޮތުގައި އެ ޔުނިޓުތައް ކުޑަ ވަގުތުކޮޅެއްތެރޭ ވަނީ އެއްކޮށް ވިކި ހުސްވެފައެވެ.
ވިނަރެސްގެ ނުވިކި ހުރި ފްލެޓުތައް ވިއްކަން ހުޅުވާލިއިރު ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ އަތުން ނަގާ އިންޓްރަސްޓު، ނުވަ އިންސައްތައިން އިން ހަ އިންސައްތައަށް މި ފަހުން ވަނީ ކުޑަކޮށްފައެވެ.