ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް, ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ 'ސަން' އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ދުވަހެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީވާ މަގާމުން ވަކި ކުރުމަށް އިއްޔެ އެމްޑީޕީން ސޮއި ހަމަކުރަން ފެށިއިރު އަސްލަމް ވިދާޅުވީ، އެ މަސައްކަތް ފެށީ އެ ޕާޓީގެ މެންބަރުން އިސްނަގައިގެން ކަމަށެވެ. އަދި އިއްޔެ 22އަށް ވުރެ ގިނަ މެންބަރުން އީވާ މަގާމުން ވަކި ކުރުމަށް ސޮއިކުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ބޭނުންވާނީ ވެސް 22 ސޮއެވެ.

އެމްޑީޕީން އީވާ މަގާމުން ވަކިކުރަން ނިންމިއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ އެޖެންޑާ ކުރި ދެވަނަ ޖަލްސާގެ ރިޔާސަތާ ހަވާލުވުމަށް އެކަމަނާ ވަޑައިގަތެވެ. އެއީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސަލާމުގައި ހުންނެވުމަށް ފަހުގައެވެ. އަދި އިއްޔެގެ ހެނދުނުގެ ޖަލްސާއަށް ވެސް ސަލާމްފޮނުއްވުމަށް ފަހުއެވެ.

އީވާ ވަނީ އިއްޔެ ހެނދުނުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެ މައްސަލަ ބޭރުކުރެއްވުމުން، އިތުރަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ މެންދުރުގެ ޖަލްސާ ނިންމަވާލައްވާފައެވެ.

އަފީފް ޖަލްސާ ނިންމަވާލެއްވީ އެމްޑީޕީން ހުށަހެޅި މައްސަލައިގައި ގަރާރުގެ ސިފަ ނެތް ކަމަށް ބުނެ ހުށަހެޅި ނިޒާމީ ނުކުތާ ބަލައިގަތުމަށްފަހުއެވެ. މަޖިލީހުގެ އިދާރާއިން އަފީފްގެ ނިންމުން ބަލައިނުގަނެ، އަލުން އިއްޔެ މައްސަލަ އެޖެންޑާ ކުރުމުން އީވާ ރިޔާސަތާ ހަވާލުވީއެވެ.

އެ މައްސަލައިގައި އަފީފާއި އީވާ ވަނީ، މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރާވަޑައިގެންފައި ކަމަށް، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އިމްތިޔާޒު ކޮމިޓީން ވަނީ ނިންމާފައެވެ.

މިއަދަށް ބަޖެޓު އެޖެންޑާކުރި ޖަލްސާގެ ރިޔާސަތުގައި ވެސް އިންނެވީ އީވާއެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންމަޖިލީހުގެ ތަޅުމަށް ހާޒިރުނުވުމުގެ ސަބަބުން ކޯރަމް ހަމަނުވެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

އީވާ ވަނީ، ޖަލްސާ ނިންމާނުލައްވައި، ކޯރަމް ހަމަވަންދެން މަޑުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން މިއަދު 11:00އަށް، ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށްގެންދަން ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް ހުރަސްއެޅުން އެކަށީގެންވެއެވެ.