ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީ ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އަލް އިއްތިހާދުން ވަނީ އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރި ނޫނޯ އެސްޕިރިޓޯ ސަންޓޯ، ދާދިފަހުން މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ނަތީޖާތައް ގޯސްވުމާއެކު، އެޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާއާ ވެސް މައްސަލަތަކެއް ޖެހުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޫސްވެރިޔާ ބެން ޖެކޮބްސް ރިޕޯޓުކޮށްފައިވާ ގޮތުގައި އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމަށް ލޮޕެޓެގީ ހަމަޖެއްސުމަށް އެ ކްލަބުން މިހާރު ވަނީ ތައްޔާރުވެފައެވެ. ލޮޕެޓެގީ އަކީ ރެއާލްގައި ބެންޒެމާއަށް އިރުޝާދު ދިން ކޯޗެކެވެ.

މިދިޔަ ސީޒަން ނިމުމާއެކު ވުލްވްސްގެ ކޯޗުކަމުން ލޮޕެޓެގީ އިސްތިއުފާދީފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރެލިގޭޝަނުން އެ ކްލަބު ސަލާމަތްކޮށްދިނުމަށް ފަހުއެވެ. އެއަށްފަހު އޭނާ ޕްރިމިއާ ލީގުގެ އެހެން ކްލަބަކަށް އިރުޝާދުދިނުމަށް އުޅޭ ކަމަށް ވެސް ރިޕޯޓުތައް ބުނަމުންދިޔައެވެ.

ވުލްވްސް އާއި ރެއާލްގެ އިތުރުން ލޮޕެޓެގީ ވަނީ ސެވިއްޔާ އަދި ސްޕެއިންގެ ގައުމީ ޓީމަށް ވެސް އިރުޝާދުދީފައެވެ. ވިންސެންޓް ޑެލް ބޮސްކޭ ރިޓަޔާކުރުމާއެކު 2016 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމާ ލޮޕެޓެގީ ހަވާލުވި ނަމަވެސް، ވޯލްޑް ކަޕް 2018ގެ ކުރިން އޭނާ މަގާމުން ވަކިކުރީ އެ މުބާރާތަށްފަހު ރެއާލްއާ ހަވާލުވުމަށް ނިންމާފައިވާކަން އިއުލާންކުރުމުންނެވެ.

އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި އަލް އިއްތިހާދުން މިސީޒަނާ ކުރިމަތިލީ ނަމަވެސް، އެޓީމުގެ ފެށުން ވަނީ ގޯސްވެފައެވެ. މިސީޒަނަށް ބެންޒެމާއާއި ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ފަދަ ވަރުގަދަ ކުޅުންތެރިންތަކަކާއެކު ނުކުތް އަލް އިއްތިހާދު މިވަގުތު އޮތީ ސައުދީ ޕްރޯ ލީގު ތާވަލުގެ ފަސްވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލާއި އަލް އިއްތިހާދާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

އަލް އިއްތިހާދުން މިދިޔަ ސީޒަނުގެ ސައުދީ ޕްރޯ ލީގު ކާމިޔާބުކުރީ ނޫނޯގެ އިރުޝާދުގެ ދަށުންނެވެ. އޭނާއަކީ މީގެ ކުރިން ވެލެންސިއާ، ޕޯޓޯ، ވުލްވްސް އަދި ޓޮޓެންހަމް ހޮޓްސްޕާއަށް އިރުޝާދު ދިން ކޯޗެކެވެ.