ހޮނިހިރު ދުވަހު ޣައްޒާއަށް އެހީއާއެކު އިތުރު 53 ޓްރަކް ވަދެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފިއެވެ.

އެ ޓްރަކްތަކުގައި އުފުލާފައި ވަނީ ބޭހާއި ސިއްހީ ފަރުވާދޭ ސާމާނާއި ކާބޯތަކެއްޗާއި ފެނާއި ރިލީފް ސާމާނު ކަމަށްވެސް ރެޑް ކްރެސެންޓުން މައުލޫމާތުދެއެވެ.

އޮކްޓޯބަރު 21 ވަނަ ދުވަހު ޣައްޒާއަށް އެހީދޭ ޓްރަކްތައް ވަނުމުގެ ފުރުސަތު އިސްރާއީލުން ދިން ފަހުން މިހާތަނަށް ޖުމްލަ 904 އެހީގެ ޓްރަކް ވަނީ ޣައްޒާއަށް ވަދެފައެވެ. ނަމަވެސް މިއީ އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކުގެ އަސަރުކޮށްފައިވާ ޣައްޒާގެ އާންމުންނަށް ފުދޭވަރަށްވުރެ މާ މަދު އަދެކެވެ. އދ.އިން މީގެކުރިން ހާމަކޮށްފައިވާ ގޮތުން ހަމަލާތައް ފެށުމުގެ ކުރިން ދުވާލަކު 500 އެހީގެ ޓްރަކް ޣައްޒާ ތެރެއަށް ވަދެއެވެ.

އެހީ ވެއްދުމުގެ ފުރުސަތު ދީފައި އޮތް ނަމަވެސް ޣައްޒާއަށް ތެޔޮ އެތެރެކުރުން އިސްރާއީލުން އަދިވެސް އޮތީ މަނާކޮށްފައެވެ. ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކުގެ މަސައްކަތްތައް މިހާރު ވަނީ ހުއްޓިފައެވެ. އެތަންތަނުގައިތިބި ބަލި މީހުންނާއި ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ އިތުރުން ތުއްތު ކުދިންގެ ފުރާނައަށްވެސް ވަނީ ނުރައްކާވެފައެވެ.

ޣައްޒާއަށް އެހީގެ ސާމާނު ވައްދަނީ ޣައްޒާއާ މިސްރު ގުޅޭ ރަފަޙް ބޯޑަރުންނެވެ. ޣައްޒާއަށް އެހީ ވައްދަން އިސްރާއީލުން ހުއްދަ ދިނީ، އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށިތާ ގާތްގަޑަކަށް ދެ ހަފުތާ ފަހުންނެވެ.

ޣައްޒާގައި ހުންނަ އދ ގެ ރެފިއުޖީ ކޭމްޕުގައި އަންހެނަކު ކައްކަނީ. ފޮޓޯ/ދަ ޓެލެގްރާފް

ހަމަލާތަކުގެ ސަބަބުން ނިކަމެތިވެފައިވާ ޣައްޒާގެ ރައްޔިތުން ތިބީ ފެނާއި ކަރަންޓާއި ކާނާއާއި ތެލަށްވެސް ޖެހިފައެވެ. އދ.ގެ ރެފިއުޖީ އޭޖެންސީން މީގެކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އެ އޭޖެންސީގައި ހުރި އެހީގެ ސާމާނުވެސް މިހާރު ވަނީ ހުސްވާން ކައިރިވެފައެވެ. އަދިވެސް އިތުރު އެހީ ބޭނުންވާ ކަމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާތައް މެދުކަނޑާލުމަށްވެސް އެ އޭޖެންސީން ވަނީ ގޮވާލާފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11،000 މީހުން ޝަހީދުކޮށްލާފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގެދޮރު ދޫކޮށްލަން މަޖުބޫރުވެ، އެތައް ބަޔަކު ވަނީ މަގުމަތިވެފައެވެ.