ކޭމްޕްޑޭވިޑް (މޭ 20):
އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ކުރިޔަށްދިޔަ ދުނިޔޭގައި އުފެއްދުންތެރިކަމާއި ސީނާޢީ ގޮތުންއެންމެބޮޑަށް ކުރިއަރާފައިވާ ޖީ- އަށެއްގެޤައުމުތަކުގެ އިސްވެރިންގެސަމިޓްނިންމާލައިފި އެވެ.

މިސަމިޓުގައި މަޝްވަރާކުރި މައްސަލަތަކުގެ ތެރޭގައި، އީރާނުގެ ނިއުކްލިޔާ މައްސަލަ އާއި ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ މައްސަލަ އާއި ޔުރަޕްގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުގެ އިތުރުން އުތުރުކޮރެޔާގެ ނިއުކްލިޔާ މައްސަލަ އާއި ފަގީރު ޤައުމުތަކަށް ކުރިމަތިވަމުންދާ ކާބޯތަކެތީގެ ދަތިކަމާއި ހައިހޫނުކަމުގެ މައްސަލަތަކާއި އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ވެސް ހިމެނެއެވެ.

މިމައްސަލަތަކާ ބެހޭ ގޮތުން ޖީ-އަށެއްގެ ލީޑަރުން މަޝްވަރާ ކުރެއްވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައް ޙައްލުކުރުމަށް ޓަކައި ރައީސް ބައްޝާރުލްއަސަދް މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވެ އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލައާ ބެހޭ ގޮތުން ގޮވާލާފައި ވަނީ އެމައްސަލާގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް ޓަކައި ކަމާބެހޭ ޤައުމުތަކާއި އިދާރާތަކާ އެކު ވާހަކަތައް ކުރިޔަށްގެންދިޔުމަށެވެ. އަދި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ސުލްޙަވެރި ޕްރޮގްރާމެއްކަން އެޤައުމުން ހާމަކޮށްދިނުމަށްވެސް ގޮވާލާފައިވެ އެވެ. ނަމަވެސް އީރާނާދެކޮޅަށް ހަރުކަށި އިންޒާރުތަކެއް ދީފައެއްނުވެ އެވެ.

އުތުރުކޮރެޔާގެ މައްސަލާގައި ބުނެފައިވަނީ އުތުރުކޮރެޔާއިން އަވަށްޓެރި ޤައުމުތަކަށް ޖެއްސުންކުރާ ކަމަށާ މިކަން ހުއްޓާލަންޖެހޭ ކަމުގައެވެ. ދަރަނީގެ މައްސަލަތައް ކުރިމަތިވެފައިވާ ޔޫރަޕްގެ ޤައުމުތަކުގެ އިޤްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި އިޤްތިސާދީ އުފެއްދުންތެރިކަމަށް އިސްކަންދިނުމަށާއި ޚަރަދުކުޑަކުރުމަށް ގޮވާލާފައިވެ އެވެ.

މިސަމިޓްގައިއެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ ދުނިޔެއިން ހައިހޫނުކަންނައްތާލުމަށާއި ފަގީރު ޤައުމުތަކަށް ކާބޯތަކެތީގެ ގެރެންޓީ ދިނުމުގައިދުނިޔޭގެ ބޮޑެތި ކުންފުނިތައް ބައިވެރިވުމަށް ގޮވާލައްވާފައެވެ.

ޖީ- އަށެއްގައި ހިމެނެނީ އެމެރިކާއާއި ރަޝިޔާގެ އިތުރުން ޖަޕާން، ޖަރުމަނު،އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ކެނެޑާ އަދި އިޓަލީއެވެ.

ދުނިޔޭގެ ދެވަނަ އިޤްތިސާދީ ބާރުކަމަށްވާ ޗައިނާ މިގްރޫޕްގައި ނުހިމެނިފައި އެއަށްވުރެ މާކުޑަކުޑަ އިޤްތިސާދެއް ކަމަށްވާ ކެނެޑާ މިގްރޫޕްގައި ހިމެނިފައިވާތީ ސްޓްރެޓީޖިކް ފާޑުކިޔުންތައް ޖީ 8 ގެ ގްރޫޕަށް އަމާޒުވެފައިވެއެވެ. މިސަމިޓްގައި ޖީ އަށެއްގެ ޤައުމުތަކުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަން ހާމަވެގެން ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)