ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުން ފެށިގެން ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ ގިނަ ބަޔަކު އަދިވެސް ތިބީ ހަމަލާތައް އެންމެ ވަރުގަދަޔަށްދޭ ޣައްޒާގެ އުތުރު ސަރަހައްދުގައެވެ.

މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ ޔަރްމޫކް ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ނިދާ މޮއިން އަދިވެސް ހުރީ ޣާއްޒާގެ އުތުރުގައެވެ.

ނިދާ އާއި އޭނާގެ އާއިލާއަކީ ޣައްޒާގެ އުތުރު ދޫކޮށް ނުގޮސްތިބި އެތައް ސަތޭކަ އާއިލާގެ ތެރެއިން އެއް އާއިލާއެވެ.

"ގިނަ މީހުން އަދިވެސް މިތާ އެބަތިބި، އަހަރެންގެ ގިނަ ގާތްތިމާގެ މީހުން ގެއިން ނުނިކުމެ، އަދި ޣައްޒާ ސިޓީގެ އެހެން ހިސާބުތަކުގައި ގެއިން ފިލައިގެން އުޅޭ މީހުން ވެސް އަހަރެމެންގެ އަވަށަށް އަންނަތަން ފެންނަ ނަމަވެސް މިއީ ވެސް ރައްކާތެރި ތަނެއް ނޫން." އުމުރުން 32 އަހަރުގެ ނިދާ ބުންޏެވެ.

އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ހަމަލާތައް ދޭން ފެށިތަނާ، ނިދާއާއި އޭނާގެ ފިރިމީހާ އަދި ދެ މަހުގެ ދަރިފުޅު ވަނީ ގެއިން ނުކުމެ ކައިރީގައި އޮންނަ އެހެން އަވަށެއްގައި ހުންނަ މައިދައިތަމެން ގެއަށް ބަދަލުވެފައެވެ.

އޭގެފަހުން އޮކްޓޯބަރު 13 ވަނަ ދުވަހުން ފެށިގެން އުތުރު ޣައްޒާއިން ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ދޫކޮށް ދިޔަ ދުވަސްވަރު، އޭނާ އާއި އޭނާގެ އާއިލާ ގެއިން ނުކުމެން ގޮސް ތިބީ ހާން ޔޫނުސްގައި ހުންނަ ވަގުތީ ހިޔަލެއްގައެވެ. ނަމަވެސް އިސްރާއީލުގެ ވަރުގަދަ ހަމަލާތައް އެ ސަރަހައްދަށްވެސް އަމާޒުވާން ފެށުމުން އޭގެ ހަފުތާއެއް ފަހުން ނިދާމެން ވަނީ އަނެއްކާވެސް ޣައްޒާ އުތުރުގައި ހުންނަ އަމިއްލަ ގެއަށް ބަދަލުވެފައެވެ.

ގެއަށް ބަދަލުވި ނަމަވެސް ފެނާ ކާނާ އަދި ބޭސް ފަރުވާ ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށް ނިދާ ބުންޏެވެ. ގެއާ ކައިރި ހިސާބުތަކުގައި ހުރި ފިހާރަތަކާއި ހޮސްޕިޓަލް އަދި ކްލިނިކްތައްވެސް ބަންދުކޮށްފައިވާ ކަމަށް ނިދާ ވަނީ ބުނެފައެވެ.

ހުކުރު ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެގޮތުން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލަށް އެކި ވަރުގެ ހަމަލާތައް ދެމުން އަންނައިރު އެތައް ސަތޭކަ ބަލި މީހުންނާއި ޒަހަމްވެފައިވާ މީހުންގެ އިތުރުން ގެދޮރު ގެއްލިފައިވާ ގިނަ ބަޔަކުވެސް އެ ހޮސްޕިޓަލްގައި އެބަތިއްބެވެ. ތެޔޮ ނުލިބުމުގެ ސަބަބުން އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުން ވަނީ ކަރަންޓުވެސް ކެނޑިފައެވެ. ފާއިތުވި ދިޔަ ދުވަސްތަކުގައި ޣައްޒާގެ ބޮޑު ހަ ހޮސްޕިޓަލަކަށް އިސްރާއީލުން ވަނީ ހަމަލާތައް ދީފައެވެ.

ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތެއް ކައިރީތިބި ދެ ކުޑަކުދިން. ފޮޓޯ/ދަ ޓެލްގްރާފް

މީގެއިތުރުން ޣައްޒާގެ މާބަނޑު އަންހެނުން ވިހަން ދާނެ ހޮސްޕިޓަލެއް ނުވަތަ ކްލިނިކެއްވެސް ނެތް ކަމަށް މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކުރެއެވެ. އެގޮތުން ޣައްޒާގެ އަލް ޝަހާބާ ހޮސްޕިޓަލްގެ ވިއްސާ ޑިޕާޓްމަންޓުގައި މަސައްކަތްކުރި އާޔާ ކިޔައިދިން ގޮތުގައި ތެޔޮ ހުސްވުމުގެ ސަބަބުން ޝަހާބާ ހޮސްޕިޓަލް މިހާރު ހުރީ ބަންދުކޮށްފައެވެ. އަދި އެއީ ޣައްޒާގައި ވިއްސާ ޑިޕާޓްމަންޓު ބަންދުނުކޮށް ހުރި އެންމެ ފަހު ހޮސްޕިޓަލް ކަމަށާއި އެ ހޮސްޕިޓަލް ބަންދު ކުރުމުން މާބަނޑު އަންހެނުން ވިހަންދާނެ ހޮސްޕިޓަލެއް ނެތް ކަމަށް އާޔާ ބުންޏެވެ.

މިއާއެކު އަމިއްލައަށް ގޭގައި ވިހަން މަޖުބޫރުވެފައިވާއިރު، ގިނަ ބައެއްގެ ފުރާނަ ގެއްލިދާނެ ކަމަށާއި ބައިގެންދާ މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށް އާޔާ ވަނީ ބުނެފައެވެ. އަދި ގިނަ ބޮން އަޅައި ހަމަލާތައް ދޭންފެށުމުން ބިރުންނާއި ހާސްކަމުގެ ތެރެއިން ގިނަ އަންހެނުން ބައިގެންގޮސްފައިވާ ކަމަށްވެސް އާޔާ ކިޔައިދިނެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 11000 ށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.