13 Nov 2023, 09:40
އެ ފިލްމަކީ، ބަތަލާ ކާޖޮލްގެ ޙަޔާތުގެ ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ތަޖުރިބާކުރި ވަރަށް ގިނަ ކަންކަމުގެ ލިސްޓުގެ ފެށުމެވެ. އެގޮތުން އެކްޓަރު ޝާހްރުކް ޚާންއާ ފުރަތަމަ ފަހަރަށް ބައްދަލުވީ ފިލްމު "ބާޒީގަރު"ގެ ސެޓުންނެވެ. އަދި ހިންދީ ސިނަމާގެ އެންމެ ތަޖުރިބާކާރު ކޮރިއަގްރާފަރު ސަރޯޖް ޚާންއާ ފުރަތަމަ ބައްދަލުވީ ފިލްމު "ބާޒީގަރު"ގެ ސެޓުންނެވެ. މިއުޒިކީ ދުނިޔޭގައި އޭރު އެންމެ އަޑުގަދަ މިއުޒީޝަން އަނޫ މަލިކާ ފުރަތަމަ ބައްދަލުވީ ފިލްމު "ބާޒީގަރު"އިންނެވެ.
މިހެންގޮސް މި ލިސްޓު ހުއްޓޭނެ ހިސާބެއް ނޭނގޭކަމަށް ބުނެ ބަތަލާ ކާޖޮލް ވަނީ ކެރިއަރުގެ އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމަށް 30 އަހަރު ފުރުމާ ދިމާކޮށް ހިތުގައި ހުރި ޝުޢޫރުތައް އާއްމުންނާ ހިއްސާކޮށްފައެވެ. އަދި މި ލިސްޓުން ހެއްވާ މަޖާ ކޮމެޑީ އެކްޓަރު ޖޯނީ ލިވާ އާއި ބަތަލާ ޝިލްޕާ ޝެޓީގެ ނަން ހަނދާން ނުނެތޭކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

ބަތަލާ ޝިލްޕާ ޝެޓީ އާއި ޝާހްރުކް ޚާން ފިލްމު "ބާޒީގަރު"ގެ މަންޒަރެއްގައި
ޢުމުރުން އެންމެ 17 އަހަރުގައި ފިލްމު "ބޭޚުދީ"އިން ހިންދީ ސިނަމާގެ ދުނިޔެއަށް ނުކުތް ބަތަލާގެ ދެ ވަނަ ފިލްމު "ބާޒީގަރު"ގެ ކޮންމެ ލަވައެއް ވެސް އަދި ޑައިލޮގަކުން ވެސް ކާޖޮލްގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭކަމަށް ކާޖޮލް ވަނީ ބުނެފައެވެ. ޝާހްރުކް ޚާންއާއެކު ފިލްމު "ބާޒީގަރު" ކުޅުމަށްފަހު ކާޖޮލް އާއި ޝާހުގެ އޮން ސްކްރީން ކެމިސްޓްރީއަށް ލިބުނު މަގުބޫލުކަމާއެކު ދެ ތަރިން ވަނީ ބްލޮކްބާސްޓާ ފިލްމުތަކެއް ސިނަމާއަށް ދޫކޮށްފައެވެ.
މިއަދާ ހަމައަށްވެސް މި ދެ ތަރިން ސްކްރީންއިން ދެއްކިފަދަ ޖާދޫއެއް ދެއްކުނު ޖޯޑެއް ނުވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފިލްމު "ބާޒީގަރު"އަށް ފަހު ކާޖޮލްއަށް ތެދުވެރި އެހާމެ އިހުލާސްތެރި އެކުވެރިއެއް ވަނީ ލިބިފައެވެ. ކާޖޮލް އާއި ޝާހްރުކް ޚާންގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއެކު ދެ ތަރިންގެ ފިލްމީ ކެރިއަރަށް ބޮޑު އިންގިލާބެއް ގެނުވިއެވެ. ހަމަ އެއާއެކު ފިލްމު "ބާޒީގަރު"އަކީ، 90އިގެ އަހަރުތަކުގެތެރޭ ފުރާވަރަށް އަރަމުން އައި ވަރަށް ގިނަ ބައެއްގެ ހަނދާންތަކާ ގުޅިލާމެހިފައިވާ ފިލްމެއްވެސް މެއެވެ.

ފިލްމު "ބާޒީގަރު"ގެ ޕޯސްޓަރެއް
ކާޖޮލް އާއި ޝާހު އެކީގައި ކުޅުނު ފިލްމުތައް ކަމަށްވާ "ޑީޑީއެލްޖޭ"، "ކުޗް ކުޗް ހޯތާ ހޭ"، "ކަރަން އަރުޖުން" އަދި "ކަބީ ޚުޝީ ކަބީ ޣަމް" އަކީ ބޮކްސް އޮފީހުގައި ބްލޮކް ބާސްޓާ ފިލްމުތަކެވެ. މިހާރު އުމުރުން 49 އަހަރު ވެފައިވާ ބަތަލާ އަދިވެސް ހުރީ ފިލްމީ ދާއިރާގައި ސާބިތުކަން މަތީގައެވެ. އެކްޓަރު އަޖޭ ދޭވްގަން އާއި ކައިވެނިކޮށް ދެ ކުދިން ލިބިފައިވާ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ ޑިޒްނީ ހޮޓް ސްޓާއިން ސްޓްރީމް ކުރަން ފެށި ވެބް ސީރީސް "ދަ ޓްރަޔަލް" އިންނެވެ.