13 Nov 2023, 09:05
އެކި ސަބަބުތަކާއި ގުޅިގެން ކަންބޮޑުވުން ނުވަތަ ކަންކަމުގައި ސްޓްރެސް ވުމަކީ ކޮންމެ މީހެއްގެ ދިރިއުޅުމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މިއީ ކޮންމެ މީހެއް އެކި އުމުރުގައި ވެސް ތަޖުރިބާ ކުރާ ކަމެކެވެ. ނަމަވެސް ސްޓްރެސްގެ ހާލަތު ގޯސްވެ ބައެއް ފަހަރު ހީ ނުކުރާ ކަންތައްތައް ވެއެވެ. އެއިން އެއް ކަމަކީ މުޅި ގައި ކެހުމެވެ.
ސްޓްރެސްގެ ސަބަބުން ހިތުގެ ތެޅުން އަވަސްވެ، އެންޒައިޓީއަށް މަގުފަހިވާއިރު ނިދި ގެއްލުން ފަދަ ކަންތައްތަކަކީ ވެސް ހަމަ ދިމާވާ ކަމެކެވެ. ނަމަވެސް އޭގެ ބޭރުން އިންސާނާގެ ހަށިގަނޑުގެ ހަމަށް ވެސް ސްޓްރެސްގެ އަސަރު ކުރެއެވެ. ނަތީޖާއަކަށް ވަނީ ގައިގެ އެކި ތަންތައް ކެހުމެވެ.
ހަމުގެ ކެހުމާއެކު މުޅި ހަށިގަނޑަށް އުނދަގޫ ވާއިރު އޭގެ ސަބަބުން ނަފުސާނީ ދުޅަހެޔޮ ކަމަށް ވެސް އޭގެ އަސަރު ކުރެއެވެ. އެހެންވާއިރު ސްޓްރެސް އާއި ހަމާ އޮތް ގުޅުމަކީ ކޮބާ ހެއްޔެވެ؟
އިންޑިއާގެ ހައިދުރަބާދުގެ ކަމޭނީ ހޮސްޕިޓަލްތަކުގެ ސީނިއާ ޑާމަޓޯލަޖިސްޓެއް ކަމަށްވާ ޑރ. ކުނާ ރަމްޑާސް ބުނާ ގޮތުގައި ސްޓްރެސްގެ ސަބަބުން އިންސާނާގެ ހަށިގަނޑުން ތަފާތު އެކި ކަހަލަ ހޯމޯންތަކާއި ކެމިކަލްތައް ބޭރު ކުރާ ކަމަށެވެ. އޭގެތެރޭގައި އެޑްރެނަލިން އާއި ކޯޓިސޮލް އިތުރުވުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
"މިފަދަ ސައިކޮލޮޖިކަލް ކަންތައްތަކުގެ ސަބަބުން އިމިއުން ސިސްޓަމް އަށާއި ހަށިގަނޑު ފަންކްޝަން ކުރާ ގޮތަށް އެކި ކަހަލަ ބަދަލުތައް އާދޭ،" އޭނާ ކިޔައިދިނެވެ.
ސްޓްރެސް ގެ ސަބަބުން ހަންގަނޑަށް ގޮތްތައް ވަނީ އާންމުގޮތެއްގައި ނިޝާނެއްގެ ގޮތުންނެވެ. އެގޮތުން ހަންގަނޑަށް އަންނަ ބަދަލުން އިޝާރާތް ކުރަނީ ކަމަށް ކުނާ ފާހަގަކުރިއެވެ.
އޭނާ ފާހަގަކުރާ ގޮތުގައި ހަނގަނޑު ކަހަން ފަށާއިރު އެކި ގޮތްގޮތަށް ހުރުން އެކަށީގެންވެއެވެ. ނަމަވެސް މާ ބޮޑަށް ބިހި ގިނަވެ ހަންގަނޑު ރާޅުވާ މިންވަރު ބޮޑުވާ ނަމަ އޭގެ ފަހަތުގައި އެހެން މައްސަލައެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއެވެ. އެއާއެކު އެންމެ އެކަށީގެންވަނީ ޑޮކްޓަރަށް ދެއްކުން ކަމުގައި އޭނާ ފާހަގަކުރެއެވެ. ކުޑަކޮށް ގައި ކަހާ ނަމަ ކޯލްޑް ކޮމްޕްރެެސް ނުވަތަ އައިސް ޕެކަކުން ވެދާނެއެވެ.