ޓްރާންސްޕޯޓު މިނިސްޓްރީގެ ހުރިހާ ޚިދުމަތްތަަކެއް އޮންލައިންކޮށްފިއެވެ.

ކުރިން ޖެހެނީ ފޯމު ޑައުންލޯޑްކޮށް ފުރުމަށް ފަހު ސްކޭންކޮށް ޓްރާންސްޕޯޓުގެ ޕޯޓާލަށް އަޕްލޯޑްކުރާށެވެ.

ނަމަވެސް މިހާރު ސީދާ ޕޯޓަލުގައި އެ މައުލޫމާތައް ފުރޭނެއެވެ. މި ޚިދުމަތުގެ ތެރޭގައި އެއްގަމާއި ކަނޑު އުޅަނދުތަކުގެ ރަޖިސްޓްރީއާ ގުޅޭ ހުރިޙާ ހިދުމަތެއް ވެސް ހިމެނެއެވެ. ފޯމު ސްކޭން އަޕްލޯޑުކުރަން ޖެހޭނީ މަދު ހާލަތެއްގައެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ސަން"އަށް ވިދާޅުވީ ވެހިކަލް ރަޖިސްޓްރީ ވެސް ދެން ދޫކުރާނީ ޑިޖިޓަލްކޮށް ކަމަށެވެ.

"އަޅުގަަނޑުމެން އެންމެނަށް މި ކުރެވުނީ ޑިޖިޓަލައިޒްކުރުން އަސްލު ހަގީގީ މާނައިގައި،" އޭނާ ވިދާޅުވިއެވެ.

މީގެ ސަބަބުން 1.5 މިލިއަން ރުފިޔާ އެކި ޚަރަދުތަކުން ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ޑިޖިޓަލްކުރުމުގެ ސަބަބުން، ވަގުތުން ވަގުތަށް އެ މީހަކާ ގުޅުންހުރި މުހިންމު ކަންކަން އަޕްޑޭޓްވާނެ ކަމަށެވެ. އެގޮތުން ސްޓިކާއެއް ޖަހައިފިނަމަ އެލާޓް އައުމާއި، އެ ނޫން މުހިންމު ކަންކަން ހިމެނޭކަމަށް ވެސް ވިދާޅުވިއެވެ.

އަދި، ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ދޭ ޚިދުމަތް އަޕްގްރޭޑްކުރަމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ޚިދުމަތްތައް އޮންލައިންކުރުމުގެ މަސައްކަތުގެ ތެރެއިން ފެބްރުއަރީ މަހު، އޮންލައިންކޮށް ލައިސެންސް ދޫކުރަން ވެސް ވަނީ ފަށައިފައެވެ.