ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި އަންހެނުންނަށް ފާރަލާ މަންޒަރު ހިމަނާ އެ މަންޒަރުތައް ނޯމަލައިޒް ކުރާތީ އެކަމާ ކަންބޮޑުވާ ކަމަށް ފިލްމު ޑައިރެކްޓަރު ކިރަން ރާއޯ ބުނެފިއެވެ.

ހަމައެއާއެކު ބައެއް ފިލްމުތަކުގައި ބަތަލާއިންގެ ރޯލް މުހިއްމުކަމަށް ދެއްކިޔަސް އެކަން ސްކްރީނުން ނުފެންނަ ކަމަށް ވެސް ކިރަން ވަނީ ބުނެފައެވެ.

މަގުބޫލު ފިލްމުތައް ކަމަށްވާ "ތަލާޝް" އަދި "ޑަންގަލް"ގެ ޕްރޮޑިއުސަރު މިސާލެއްގެ ގޮތުން ބުނެފައިވަނީ ފިލްމު "ކަބީރު ސިންގް" ފަދަ ފިލްމުތަކުގައި އަންހެން ކުދިންނަށް ފާރަލާ މަންޒަރުތަކަށް ހިތްވަރު ދެވޭގޮތަށް އެ މަންޒަރުތައް ފަރުމާކޮށްފައިވާ ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ކިރަން ބުނީ، މި ނޫނަސް ވަރަށް ގިނަ ފިލްމުތަކުގައި އެކަން ނޯމަލައިޒް ކޮށްފައިވާ ކަމަށާއި މިހާރުގެ ޒުވާނުންނަށް އެ ދެވެނީ ވަރަށް ގޯސް މެސެޖެއް ކަމަށެވެ.

ހަމަ އެއާއެކު ބަތަލާއިންގެ ރޯލްތައް ވެސް ފިލްމުގައި ފުރަތަމަ ދައްކާއިރު ވަރަށް ވަރުގަދަ ކަމަށާއި ނަމަވެސް ވަކި ހިސާބަކުން ބަތަލާއިންގެ ރޯލްތަކުގައި އެއްވެސް އޮށްޓަރެއް ނުހުންނަކަން ފާހަގަކޮށް ކިރަން ވަނީ ވާހަކަ ދައްކާފައެވެ. ކިރަންގެ މި ވާހަކަ އަމާޒުކޮށްފައި ވަނީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބާހޫބަލީ: ދަ ބިގިނިންގް"ގައި ބަތަލާ ތަމަންނާ ބާޓިއާގެ ރޯލަށް ދިން އަހައްމިޔަތުކަން ކުޑަކޮށްފައިވާ ކަމަށް ބުނަމުންނެވެ.

ކިރަން ކުރީގެ ފިރިމީހާ އަދި އެކްޓަރު އާމިރު ޚާން އާއެކު

މިހާރަކަށް އައިސް ފިލްމުތައް އުފައްދަމުން އަންނަނީ ފައިސާ ހޯދުމުގެ ނިޔަތުގައި އެކަނި ކަމަށް ފާހަގަކުރެވޭ ކަމަށް އަލި އަޅުވާލަމުން ކިރަން ބުނީ، ބޮޑެތި ފިލްމުތަކުގައި ވެސް ސްޓީރިއޯ ޓައިޕްތައް މުގުރާލައި މުޖުތަމަޢަށް ބޭނުން ހިފޭނެ މެސެޖެއް ދޭން ސަމާލުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އިންޑިއާގެ މަގުބޫލު އެކްޓަރު އާމިރު ޚާންގެ ކުރީގެ އަންހެނުން ދާދި ފަހުން އުފެއްދި ފިލްމު "ލާޕަތާ ލޭޑީސް" ވަނީ މި އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފެސްޓިވަލުގައި ޕްރިމިއާ ކޮށްފައެވެ.

މި ފިލްމަކީ، އާމިރު ޚާންގެ ފިލްމު ކުންފުންޏާއި ކިރަންގެ އަމިއްލަ ފިލްމު ކުންފުނި ގުޅިގެން އުފެއްދި ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.