20 May 2012, 09:23
ބެންކޮކް (މޭ 20): ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާއަށް ތާއީދުކުރާ އެޤައުމުގެ ކުރީގެ އިދިކޮޅު މީހުން (ރަތްގަމީހުގެ މީހުން) ނާ ދެކޮޅަށް އޭރުގެ ސަރުކާރުން ހިންގި އަނިޔާވެރި ޢަމަލުތަކަށް ތިން އަހަރު ފާހަގަކުރުމުގެ ގޮތުން ރަތް ގަމީހުގައި އެމީހުން ބެންކޮކްގެ ކަންކޮޅުތަކަށް ފެތުރި އެ ރަށުގެ ބޮޑުބައެއް 18 ވަރަކަށް ގަޑި އަށް ހިސާރުކޮށްފި އެވެ.
ރޮއިޓާސް ބުނި ގޮތުގައި ބެންކޮކްގެ މެދުތެރެއާއި ބޮޑެތި މަގުތަކާއި މައިދާންތަކާއި ބޮޑެތި ޝޮޕިން އޭރިޔާތައް ރަތް ގަމީހުގެ ލައްކައެއްހާ މީހުންގެ ކޮންޓްރޯލްގެ ދަށުގައިވުމުގެ ސަބަބުން އެ ސަރަޙައްދުތަކުގެ ވިޔަފާރި ޙަރަކާތްތައް ހުއްޓި މަގުތައް ވަނީ ބަންދުވެފަ އެވެ. ތައިލެންޑްގައި މިދިޔަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކޮށްގެން ވެރިކަމަށް އައިސްފައި ވަނީ ރަތް ގަމީހުގެ މީހުން ތާއީދުކުރާ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ޔުނައިޓެޑް ފްރަންޓް ފޯ ޑިމޮކްރަސީ ޕާޓީންނެވެ.
މިޕާޓީގެ ފަރާތުން ތައި ބޮޑުވަޒީރުކަމަށް އިސްވެވަޑައިގެންފައި ވަނީ ތަކްސިންގެ އަންހެން ކޮށްކޮ ޔަންގްލިކް ޝިނަވަޓްރާ އެވެ. އެހެންކަމުން ތައިފުލުހުންގެ ފަރާތުން ރަތްގަމީހުގެ މީހުންގެ އިޙްތިޖާޖްތަކަށް މިފަހަރު އެއްބާރުލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއިޙްތިޖާޖްތައް އިންތިޒާމްކުރި ތަކްސިންގެ ޔުނައިޓެޑް ފްރަންޓް ފޯ ޑިމޮކްރަސީ ޕާޓީން ބުނީ މިއީ 2010 ގެ އެޕްރީލާއި މޭ މަހު އޭރުގެ ބޮޑުވަޒީރު އަބިހިސިތް ވިޖަޖީވާގެ ސަރުކާރާ ދެކޮޅަށް އެމީހުންކުރި އިޙްތިޖާޖްތަކުގައި މަރާލި 92 މީހުންގެ ހަނދާންތައް އައު ކުރުމާއި ރަތް ގަމީހުގެ މީހުން އަދިވެސް އެބަތިބިކަމާއި މިޖަރީމާގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ މީހުން ޢަދާލަތަށް ޙާޒިރު ކުރުމަށް މަސައްކަތްކުރާނެކަން ހާމަކޮށްދިނުމުގެ ގޮތުން ބޭއްވި އެއްވުމެކެވެ.
2010ގެ އެޕްރީލާއި މޭ މަހު ތައިލެންޑްގެ އޭރުގެ ބޮޑުވަޒީރު އަބިހިސިތް ވިޖަޖީވާގެ ސަރުކާރާ ދެކޮޅަށް ތަކްސިން އަށް ތާއީދުކުރާ ރަތް ގަމީހުގެ މީހުންކުރި އިޙްތިޖާޖްތަކާ ދެކޮޅަށް ތައިފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 92 މީހުން މަރުވެ 2000 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. އަދި ރަތްގަމީހުގެ މީހުން ފުލުހުންނަށް ދިން ޙަމަލާތަކުގައި ފުލުހުންގެ 12 މީހަކު ވެސް މަރުވެފައިވެ އެވެ.
ރަތް ގަމީހުގެ މީހުން އިއްޔެ ހެނދުނުން ފެށިގެން ކުރިޔަށް ގެންދިޔަ މިއިޙްތިޖާޖްތައް ރޭ ދަންވަރު ހުއްޓާލާފައިވާއިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ ޚަބަރެއް ލިބިފައެއް ނުވެ އެވެ. 2010 ގެ ހަމަނުޖެހުންތަކުގައި މަރާލާފައިވާ 92 މީހުންގެ މައްސަލާގައި ތައިލެންޑްގެ އޭރުގެ ސަރުކާރުގެ އެއްވެސް މަސްއޫލުވެރިއަކާ ދެކޮޅަށް ދަޢްވާ އުފުލާފައެއް ނުވެ އެވެ.