12 Nov 2023, 21:19
ފުވަމުލަކު އެއާޕޯޓުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ލިރާރު މިރޭ ވިދާޅުވެއްޖެއެވެ.
ފުވަމުލަކު އެއާޕޯޓުގައި އޮތް މޯލްޑިވިއަންގެ މަދިންދާބޯޓެއްގައި ކާގޯ އުފުލާ އުޅަދަކުން ޖެހި އެކްސިޑެންޓް ހިގައިފައިވަނީ މިއަދު 17:34 ހާއިރެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ލިރާރު ''ސަން''އަށް މައުލޫމާތު ދިންގޮތުގައި އެ ހާދިސާގައި އަނިޔާވި މީހާގެ ބަނޑުގެ ބޮޑު ބައެއް ވަނީ ޒަޚަމްވެފައެވެ. އެ މީހާގެ އެތެރެހަށިން ލޭ އައިސްފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ވެސް އެނާއަށް ފަރުވާދެމުންދާއިރު، ވީހާ ވެސް އަވަހަށް އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވައިލަން މަސައްކަތް ކުރަމުންދާ ކަމަށް ލިރާރު ވިދާޅުވިއެވެ.
އެހެންނަމަވެސް، މަތިން ދަތުރުކުރުމަށް ޓިކެޓު ހޯދުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަަބަބުން އިތުރު ފަރުވާއަށް އަވަހަށް މާލޭ ފޮނުވައިލުމުގައި ދަތިތަކެއް ކުރިމަތިވެ ދަތުރު ލަސްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ވަރަށް ސިއްހީ ފަރުވާ ގާއިމު ކުރެވިފައި ނުވުމުން، ކުލިގޮތަށް އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ޖެހޭ ބަލިމީހުން އިތުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދަތުރުގެ ކަންތައް ހަމަނުޖެހި، އަވަސް ފަރުވާ ނުލިބުމުން ގެއްލުންވެއެވެ. މި ކަމާމެދު ކަންބޮޑުވުން ފާޅުކޮށް ލިރާރު ވިދާޅުވީ މި ކަމަށް ހައްލެއް ހޯދަން މަަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ފުވައްމުލަކު އެއާޕޯޓުގައި އެކްސިޑެންޓު ހިނގާފައިވަނީ ކާގޯ އުފުލާ އުޅަނދެއް މަތިންދާބޯޓެއްގައި ޖެހިގެންނެވެ. ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.