12 Nov 2023, 20:57
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް ޔޫއޭއީ ސަރުކާރު މެދުވެރިކޮށް މި ފަހުން ހޯއްދެވި 1.2 ބިލިއަން ރުފިޔާ ހޯއްދެވީ އެ މަނިކުފާނު އަމިއްލަފުޅަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެެ.
މި ފަހުން ސަރުކާރުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ޔޫއޭއީން ދޭން ނިންމި ފައިސާއަކީ މި ނިމޭ ސަރުކާރުން ހަމަޖެއްސި ފައިސާކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.
އެ ވާހަކަތަކާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ، އެއީ ސީދާ އެ މަނިކުފާނު އަބޫދާބީ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ކުރެއްވި މަޝްވަރާއެއްގައި އެ މަނިކުފާނު ހުށަހަޅުއްވައިގެން އެ ބޭފުޅުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
"އެއީ އެ ބައްދަލުވުމުގައި ހުށަހެޅުނު ކަމެއް. އޭގެ ކުރިއަކުން އެއްވެސް ކަމެއް ނިމިފައި އޮތް ކަމެއް ނޫން. އެ ބައްދަލުވުމުގައި ނިމިފައި އޮތްކަމެއް. ދެން އަޅުގަނޑު އެ ބޭފުޅުންގެ ހުއްދަ ހޯދައިގެން މާލެ އައިސްފައި އިއުލާނުކުރީ ވެސް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ވެސް ޕްރޮޖެކްޓު އިންވެސްޓަރުން ތިބީ ތައްޔާރަށް ކަމަށެވެ.
އެ މަނިކުފާނު މިއަދު ވަނީ ވީއައިއޭގެ ތަރައްގީގެ މަސައްކަތްތައް ބައްލަވައިލެއްވުމަށްޓަކައި އެއާޕޯޓަށް ވަޑައިގެންފައެވެ. އެ މަނިކުފާނު އަރިހުގައި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ އާއި، ޓްރާންސިޝަން ކޮމިޓީތަކުގެ އިސްވެެރިން ބައިވެރިވެލެއްވިއެވެ.
އެ މަނިކުފާނު މައިގަނޑު ގޮތެއްގައި ބައްލަވައިލެއްވީ އާ ޓާމިނަލާއި، އާ ކާގޯ ފެސިލީޓީއާއި ފިއުލް ފާމް ސަރަހައްދުގެ މަސައްކަތެވެ. އެންމެ ފުރަތަމަ ވަޑައިގަތީ އާ ޓާމިނަލް ބައްލަވައިލެއްވުމަށެވެ.
މީގެ ކުރިން ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އަމާޒަކީ އަންނަ އަހަރުގެ ޓޫރިޒަމް ސީޒަނަށް އެއާޕޯޓް އާ ޓާމިނަލް ނިންމައި، އެ ޓާމިނަލާ ގުޅުންހުރި ޚިދުމަތްތަކާ އެކު ބޭނުންކުރެވޭ ގޮތަށް ތަން ހުޅުވައިލުމެވެ. މިއީ އިންތިޚާބީ ސަރުކާރުން އެންމެ އިސްކަންދޭ އެެންމެ މުހިންމު މަސައްކަތް ކަމަށް މިއަދު ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.