12 Nov 2023, 22:06
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލްގެ ކާޑިއޮލޮޖީ ޑިޕާޓްމަންޓަށް ހަމަލާދީ ސުންނާފަތި ކޮށްލައިފިއެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކު ޝަހީދުވި ކަމެއް ނުވަތަ ޒަޚަމްވެފައިވާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޝިފާ ހޮސްޕިޓަލުން އިއްޔެ ކަރަންޓު ކެނޑިފައިވާއިރު، އިންކިޔުބޭޓަރަށް ލާފައި ތިބި 39 ކުޑަކުދިން މަރާ ހަނގުރާމަ ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފައެވެ. އޮކްސިޖަން ނުލިބުމުގެ ސަބަބުން އޭގެ ތެރެއިން އެއް ކުއްޖަކު މަރުވެފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ހާމަކުރިއެވެ.
ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެއް)އާ ހަވާލާދީ އަލްޖަޒީރާއިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ އަލް ޤުދުސް ހޮސްޕިޓަލުން ވެސް މިހާރު ވަނީ ކަރަންޓު ކެނޑިފައެވެ. ޤުދުސް ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ދުވަސްވީ ހޮސްޕިޓަލެވެ.
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މިހާރު އަމާޒުކޮށްފައި ވަނީ ހޮސްޕިޓަލްތަކަށެވެ. އެ ހޮސްޕިޓަލްތަކުގައި އެތައް ބަލި މީހުންނާއި ޒަޚަމްވެފައިވާ އެތައް ބަޔަކުތިބިއިރު، ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ވެސް ވަނީ ހޮސްޕިޓަލްތަކުން ވަގުތީ ހިޔާވަހިކަން ހޯދާފައެވެ.
އަލް ޝިފާ ހޮސްޕިޓަލަށް އިއްޔެ ރޭއްސުރެ ހަމަލާތައް ދެމުންދާއިރު، ކިރިޔާ ހަރަކާތް ކޮށްލިޔަސް އިސްރާއީލުން އަންނަނީ އެ މީހަކަށް ހަމަލާދީ މަރަމުންނެވެ.
ހޮސްޕިޓަލްތަކަށް ދޭ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ސިއްހަތާ ބެހޭ ވަޒީރު މިއާ އަލްކައިލާ ވިދާޅުވީ، ހޮސްޕިޓަލްތަކުން މީހުން ހުސްކުރުމުގެ ބަދަލުގައި އިސްރާއީލުން އަންނަނީ ޒަޚަމްވެފައިވާ މީހުންނާއި އެ ނޫން އާންމުން ވެސް މަގުމަތިކުރަމުން ކަމުގައެވެ.
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ.