ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތްތަކާ އެކު ނިންމަންޖެހޭ މުހިންމު ވަސީލަތްތައް އަދިވެސް ކޮންޓްރެކްޓުކޮށްފައިނުވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިއަދު ވަނީ ވީއައިއޭގެ ތަރައްގީގެ މަސައްކަތްތައް ބައްލަވައިލެއްވުމަށްޓަކައި އެއާޕޯޓަށް ވަޑައިގެންފައެވެ. އެ މަނިކުފާނު އަރިހުގައި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ އާއި، ޓްރާންސިޝަން ކޮމިޓީތަކުގެ އިސްވެެރިން ބައިވެރިވެލެއްވިއެވެ.

އެ މަނިކުފާނު މައިގަނޑު ގޮތެއްގައި ބައްލަވައިލެއްވީ އާ ޓާމިނަލާއި، އާ ކާގޯ ފެސިލީޓީއާއި ފިއުލް ފާމް ސަރަހައްދުގެ މަސައްކަތެވެ. އެންމެ ފުރަތަމަ ވަޑައިގަތީ އައު ޓާމިނަލް ބައްލަވައިލެއްވުމަށެވެ.

އާ ޓާމިނަލްގެ މަސައްކަތް ގޮސްފައި އޮތް މިންވަރު ބައްލަވައިލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެއާޕޯޓުގެ އާ ޓާމިނަލާ އެކު ކޮންމެހެން ނިމެންޖެހޭ މުހިންމު މަސައްކަތްތައް ވެސް މި މަސައްކަތްކުރާ ސައުދީ ބިންލާދިން ގްރޫޕުގެ މަސައްކަތު ސްކޯޕުގައި ނުހިމެނި އެބަހުރި ކަމަށެވެ.

"އެ ކަންކަން ފާހަގަވެއްޖެ. މިސާލަކަށް މި ހުރިހާ އޮޕަރޭޝަނަކާ ގުޅުވައިދޭ ސާވިސް ރޯޑު. މަގު ހަދާކަށް ނެތް ހަވާލުކޮށްފައެއް. އެ ވެސް ހަމަ އެންމެ މުހިންމު އެއް މަޝްރޫއު. އެހެންވީމާ އަޅުގަނޑުގެ އެންމެ އިސް ޓާގެޓަކަށްވާނެ އެ ރޯޑު ހެދުން. އެ ވެސް ގާތްގަނޑަކަށް 10ވަރަކަށް މަސް ނަގާނެ އަމަލީ މަސައްކަތް ނިންމަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް -- ފޮޓޯ/ އެލީޒް

މީގެ އިތުރުން ޑިއުޓީ ފްރީ އޭރިއާ ނިންމަން ވެސް ހަވާލުނުކުރާއިރު، އެއީ ޓާމިނަލް ހިންގަން ފަށާއިރު މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެޕްރަން ބޮޑުކުރުމާއި، އެރައިވަލް ޓާމިނަލްގައި ހުންނަ ތަންތަން ނިންމަން ވެސް ހަވާލުނުކުރާކަމަށް ވިދާޅުވިއެވެ. ހަމައެއާ އެކު ޕާކިންއަށް ވެސް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

"އެެހެންވީމާ އެޕްރަން ހަދަން، އެޕްރަން އެކްސްޓެންޝަން ބަޔަކާ ހަވާލުކުރަން އެބަޖެހޭ. މި ދެންނެވި އޭރިއާގެ ކޮމްޕްލީޝަން ހަވާލުކުރަން ޖެހޭ. މިހެން މިހުރި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޕެރެލެލީ މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައި، އަދި މި ކަމަށް ބޭނުންވާ ފަންޑިންއަށް އެއްޗެއް މަދުވަންޏާ އެކަން ވެސް ހަމަޖައްސުމާ އެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެން ގުޅިގެން ކުރެވޭ އެންމެ އިސްކަން ދޭ މަޝްރޫއުގެ ގޮތުގައި މި ކަން ކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް މި ދެންނެވި ޓާގެޓް ހާސިލްކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އަމާޒަކީ އަންނަ އަހަރުގެ ޓޫރިޒަމް ސީޒަނަށް އެއާޕޯޓް އާ ޓާމިނަލް ނިންމައި، އެ ޓާމިނަލާ ގުޅުންހުރި ޚިދުމަތްތަކާއެކު ބޭނުންކުރެވޭ ގޮތަށް ތަން ހުޅުވައިލުމެވެ. މިއީ އިންތިޚާބީ ސަރުކާރުން އެންމެ އިސްކަންދޭ އެެންމެ މުހިންމު މަސައްކަތްކަމަށް މިއަދު ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ރަސްމީ ގޮތުން ސަރުކާރުގެ މަސައްކަތް ފެށޭ ދުވަހުން ފެށިގެން ހަމަ އެންމެ އިސްކަންދީގެން ކުރިއަށް ގެންގޮސް ނިންމާނެ މަޝްރޫއަކަށްވާނެ މި މަޝްރޫއު އިރާދަކުރެއްވިއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ޗެލެންޖެއް، އެކަމު ނުކުރެވޭނެ ކަމެއް ނޫން"

ޑރ. މުއިއްޒު ވިދާޅުވީ މި މަސައްކަތްކުރާ ކުންފުނިން މަސައްކަތް އެއްކޮށް ނިންމާނެ ތާރީޚެއްގެ މަސައްކަތު ސްކޯޕުގައި އޮތް ތާރީޚުގެ ގޮތުގައި މިއަދު އެ މަނިކުފާނާ ހިއްސާކުރީ 2025ވަނަ އަހަރުގެ ތެރެކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ބައްލަވައިލައްވަން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ/ އެލީޒް

ނަމަވެސް އެ މަނިކުފާނުގެ އަމާޒުފުޅާ އެއް ހަމައަކަށް މަސައްކަތް ނިންމާނަމަ އެއީ ގާތްގަނޑަކަށް އިތުރު 10 މަސް ދުވަހުގެ މަސައްކަތް މި ފެށޭ އަހަރު ކުރުމެވެ.

"އަޅުގަނޑު ބޭނުންވަނީ މަޝްރޫއު މަދުވެގެން އަށް މަސް އަވަސްކުރާށޭ. މަދުވެގެން އަށް މަސް. އެއީ ޗެލެންޖެއް ވިޔަސް ނުކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް. ފައިސާގެ ގޮތުން އިންޖިނިއަރިންގެ ގޮތުން، ޕްރޮޖެކްޓު މެނޭޖްމަންޓުގެ ގޮތުން، ހުރިހާ ގޮތަކުން އެ ކަން ކުރެވޭނެ. އެ ކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" 'ސަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ޔާމީން ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ. ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.