12 Nov 2023, 15:56
ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުން ކުރާ ދިޔާ ބޭހެއް ކަމަށްވާ އެލާގޯ ސިރަޕް، ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާ ކޮށްފިއެވެ.
މި ބޭސް ވިއްކުން މަނާ ކޮށް މިއަދު އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ މި ބޭހުގެ ބެޗެއްގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭތީ މި މަހުގެ ހަތް ވަނަ ދުވަހު އެކަން އެލާޓު ކޮށްފައި ވާނެ ކަމަށެވެ.
އެއާއެކު އޭގެ ފަހުން މި ބޭހުގެ އެހެން ބެޗުތައް ސްކްރީން ކުރިއިރު މި ހުރިހާ ބެޗެއްގައިވެސް ކެމިކަލްގެ މި ދެ މާއްދާ ހިމެނޭކަން ކަށަވަރުވެފައިވާ ކަމަށް އެ އޮތޯރިތީން ވަނީ ބުނެފައެވެ.
އެހެންކަމުން މިއަދުން ފެށިގެން އެ ބޭހުގެ، އެ ބްރޭންޑުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާ ކަން އެ އޮތޯރިޓީން ވަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.
އަދި މި ކަމަށް ބޭސް ގަނެ، ވިއްކާ ހުރިހާ މީހުންވެސް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.
އަދި މި ބޭސް މިހާރު ރާއްޖެ ގެނެސް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް އެ އޮތޯރިތީން ވަނީ ގޮވައިލައިފައެވެ.