12 Nov 2023, 23:54
އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު ސެލްޓިކްސްއިން ކާމިޔާބުކޮށްފިއެވެ.
ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މި މެޗު ސެލްޓިކްސް ކާމިޔާބުކޮށްފައިވަނީ 117 ޕޮއިންޓް 94 ޕޮއިންޓުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެށުނީއްސުރެ ނިމެންދެން ކުރީގައި އޮތީ ސެލްޓިކްސްއެވެ. ހަތަރު ކުއާޓާގައި ވެސް ކުރީގައި އޮތީ ސެލްޓިކްސްއެވެ.
މެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ޖޭލެން ބްރައުންއެވެ. އަދި، ރެޕްޓާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ޕަސްކާލް ސިއާކަމްއެވެ.
މުބާރާތުގައި ކްލީވްލަންޑް ކެވެލިއާސް އަތުން ގޯލްޑަން ސްޓޭޓް ވޮރިއާސް ވަނީ ބަލިވެފައެވެ. ވޮރިއާސްގެ ޗޭސް ގާޑެންގައި ކުޅުނު މި މެޗު ކެވެލިއާސް ކާމިޔާބުކުރީ 118 ޕޮއިންޓް 110 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކްއާޓާގައި ވޮރިއާސް ކުރީގައި އޮތް ނަމަވެސް ދެވަނަ ކުއާޓާގައި ކްލިވްލަންޑުން ވަނީ 16 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.
މެޗުގެ ތިންވަނަ ކުއާޓާގައި ވޮރިއާސްއިން ފަރަގު އެއް ޕޮއިންޓަށް ކުޑަ ކުރި ނަމަވެސް ހަތަރުވަނަ ކުއާޓާގައި ކެވެލިއާސްއިން ވަނީ އަނެއްކާ ވެސް ލީޑު ފުޅާކޮށްފައެވެ. މެޗުގައި ކެވެލިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޑޮނޮވަން މިޝޭލްއެވެ. އަދި، ވޮރިއާސްގެ ސްޓެފަން ކަރީ ވަނީ 30 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ދެ އެސިސްޓް ކޮށްފައެވެ.
މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އޯލާންޑޯ މެޖިކް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު 112 ޕޮއިންތް 97 ޕޮއިންޓުން މެޖިކް ކާމިޔާބުކުރިއިރު މައޭމީ ހީޓް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު 117 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބުކުރީ ހީޓެވެ.