20 May 2012, 08:48
ކުރިންސުރެ ރާއްޖެއަށް ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމުތަކުން ޓޫރިސްޓުން އަންނަ އަދަދު ދަށްވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި، މިދިޔަ މަހުގެ ޓުއަރިސްޓް އެރައިވަލް އަޕްޑޭޓުން ދައްކާ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ 11 ޕަސެންޓް ހިއްސާ ކުރާ އިނގިރޭސިވިލާތުން ރާއްޖެ އައީ 8934 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 20 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ ހަތަރު މަސްދުވަހާ އަޅާބަލާއިރު އެއީ14.3 ޕަސެންޓް ދަށްއަދަދެއް ކަމަށް ވެސް ހިސާބުތައް ބުނެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ 7.7 ހިއްސާ ކުރަނީ އިޓަލީންނެވެ. އެ ގައުމުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދުވަނީ 26.3 ޕަސެންޓަށް ދަށްވެފަ އެވެ. އަދި ގްރީސް އިން ރާއްޖެ އަންނަ ޓޫރިސްޓުން އަދަދު ވެސް ވަނީ 8.2 ޕަސެންޓަށް ވެއްޓިފަ އެވެ. ޖުމްލަކޮށް ބަލާއިރު މުޅި ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދުވަނީ 4.8 ޕަސެންޓަށް ތިރިވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވީ ޔޫރަޕުން ރާއްޖެއަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައިވަނީ ޔޫރަޕްގެ އިގްތިސޯދުތަކަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން ކަމަށެވެ.
"ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ހީނަރުވެފައިވަނީ ލަފާކުރެވޭ ގޮތުން އެ ގައުމުތަކުގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ބޮޑު ހީނަރު ކަމުގެ ސަބަބުން ކަމަށް، އަދި މިދުވަސްވަރަކީ ޔޫރޯ ފުޓް ބޯޅަ މުބާރާތް ފަށާ ދުވަސްކޮޅުކަމަށް ވާތީ،" މަލީހު ވިދާޅުވި އެވެ.
ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް ޖުމްލަގޮތެއްގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މި ދިޔަ އަހަރުގެ ހަތަރު މަސް ދުވަހާއި އަޅާބަލާއިރު 2.3 ޕަސެންޓް ކުރިއެރުމެއް ހޯދާފަ އެވެ. މި ފަހަކަށް އައިސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. އެ ގައުމުން މިދިޔަ މަހު އެކަނިވެސް 10523 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން މި އަހަރަށް ކަޑައަޅާފައިވާ އަމާޒަކީ އެއްމިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. މި އަހަރުގެ މިހާތަނަށް 335,155 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.