12 Nov 2023, 14:43
އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ފާސްކުރުން ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި އެޖެންޑާ ކޮށްދިނުމަށް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދެވަޑައިގެންފިއެވެ.
ނަޝީދު އެގޮތަށް އެދިވަޑައިގެންފައިވާއިރު މިހާރު މަޖިލީހުގައި ގޮތެއް ނުނިމި އޮތީ އެމަނިކުފާނުގެ މައްޗަށް އިތުބާރުނެތް ކަމަށް ވިދާޅުވެ 49 މެމްބަރުން ސޮއިކޮށްފައިވާ ގަރާރުގެ މައްސަލައެވެ. ނަޝީދު މަގާމުން ވަކިކުރަން ވޯޓް ބޭނުންވާ އަދަދަށް ވުރެން އިތުރަށް ސޮއިކޮށް އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވީނަމަވެސް އެ ވޯޓް ނެގިޔަ ނަޝީދު ނުދެއްވައެވެ.
އެމްޑީޕީއިން ބުނާގޮތުގައި ނަޝީދު މިހާރު މަޖިލީހުގެ ރައީސްކަމުގައި އެ ހުންނަވަނީ ގަދަބާރުންނެވެ.
މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއަށް މިއަދު ނަޝީދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) އާއި މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުލަތުގެ އަހަރީ ބަޖެޓު، މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަސް ކުރިން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެކަމަށެވެ.
ނަމަވެސް ބަޖެޓު ހުށަހެޅުމަށް އޮންނަ އެންމެ ފަހުގެ ތާރީޚުގައި މަޖިލީހަށް ފިނޭންސް މިނިސްޓަރު ހާޒިރުވެވަޑައިނުގަންނަވާތީ ބަޖެޓު މަޖިލީހަށް ހުށަހެޅިފައި ނުވާކަން ނަޝީދުގެ ސިޓީފުޅުގައި ފާހަގަކުރެއްވިއެވެ.
"މިދެންނެވި ގޮތަށް ބަޖެޓު ހުށަހަޅާ ފާސްކުރުމަކީ ގާނޫނުއަސާސީއާ ގާނޫނުން ލާޒިމުކަމަކަށްވުމާއި ވަކި ތާރީޚެއްގެ ކުރިން ބަޖެޓު ހުށަހަޅަން އޮންނައިރު މިނިސްޓަރު ވަޑައިނުގަތުމުގެ ސަބަބުން ގާނޫނާ އެއްގޮތަށް އެކަން ކުރުން ވަނީ ލަސްވެފަ. ދައުލަތުގެ އަދި ރައްޔިތުންގެ ބޮޑު މަސްލަހަތެއް އޮތްކަމެއް އެވަނީ ނުކުރެވިފަ،" ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ސުޕްރިމް ކޯޓުން ނިންމި މައްސަލާގައި ސާފުކޮށް ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ރައީސް ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ ވަކި ސަބަބަކާހުރެ ނުނިމި އޮތްކަމުގައިވީ ނަމަވެސް ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްގެންދިޔުން ހުއްޓިގެން ނުވާނެ ކަމަށެވެ. އަދި އެ ކަމަކީ ގާނޫނުއަސާސީގެ ވަކި މާއްދާތަކަކުން ލާޒިމުކޮށްގެން މަޖިލީހުން ކުރުން ލާޒިމުކަމަކަށްވާތީ ކަމަށް ވެސް ނަޝީދު ވިދާޅުވެފަވެއެވެ.
އެހެންކަމުން ގާނޫނުގައި ލާޒިމުކޮށްފައިވާ ތާރީޚަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހެޅުން މިހާރު ވެސް ލަސްކުރައްވާފައި ވުމާއި، ސުޕްރީމް ކޯޓުގެ ހުކުމުގައި ވާފަދައިން އެކަން އިތުރަށް ލަސްކުރެވެން ނޯންނާނެތީ ދައުލަތުގެ ބަޖެޓު ހުށަހެޅުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާ ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އަމީންއާއްމަށް ދަންނަވައިފައެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހަކީ މަޖިލީހަށް ބަޖެޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚެވެ. އަދި އެ ދުވަހު ބަޖެޓު ހުށަހެޅުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވި، ފިނޭންސް މިނިސްޓަރު ހާޒިރުވުމަށް ވަނީ އަންގައިފައެވެ. ނަމަވެސް އެ ދުވަހުު މިނިސްޓަރު މަޖިލީހަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.