ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ރެއާލުން ކާމިޔާބުކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-1ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. މިމެޗު ރެއާލުން ފެށީ ވަރަށް ފޯރީގައެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ރެއާލުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ޓޯނީ ކްރޫސް ޖެހި މި ހިލޭޖެހުމުން އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޑަނީ ކާވަހާލެވެ. ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ރޮޑްރިގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ވިނިޝިއަސް ޖޫނިއާއެވެ. ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 49 ވަނަ މިނެތްގައި އަނެއްކާ ވެސް ރޮޑްރިގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ވިނީޝިއަސްއެވެ.

މި ލަނޑު ޖެހިތާ އެއް މިނެޓު ފަހުން ރެއާލްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ރޮޑްރިގޯއެވެ. އަދި، އެ ޓީމުގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ރޮޑްރިގޯއެވެ. މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ ހޫގޯ ޑޫރޯއެވެ.

މި ކާމިޔާބީއާ އެކު ރެއާލް މިހާރު ވަނީ 13 މެޗުން ލިބިފައިވާ 32 ޕޮއިންޓާ އެކު، ތާވަލުގެ އެއްވަނައިގައި އުޅޭ ޖިރޯނާއާ ދެ ޕޮއިންޓަށް ގާތްކޮށްފައެވެ. އަދި، ވެލެންސިއާ އޮތީ 18 ޕޮއިންޓާ އެކު ތާވަލުގެ ނުވަވަނައިގައެވެ.

މި މުބާރާތުގެ އެއްވަނައިގާ އުޅޭ ޖިރޯނާ އާއި ރަޔޯ ވަޔަކާނޯ ބައްދަލުކުރި މެޗު ރަށުން ބޭރުގައި ދެ ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ޖިރޯނާއެވެ. ލަލީގާގެ ތާވަލުގެ އެއްވަނައިގައި ޖިރޯނާ އޮތް އޮތުން ގިނަ ބަޔަކަށް ހައިރާން ކަމަކަށް ބެލުނު ނަމަވެސް މި ސީޒަންގައި މިހާތަނަށް ޖިރޯނާއިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކާ ގިނަ މެޗުތަކެއް ކާމިޔާބު ކުރަމުންނެވެ.

މިހާތަނަށް މި ސީޒަންގައި ލަލީގާގައި 11 މެޗުން މޮޅުވެފައިވާ ހަމައެކަނި ޓީމަކީ ޖިރޯނާއެވެ.