މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައި ވާކަމަށް ބެލެވޭކަމަށް ބުނެ އިމްތިޔާޒާއި ސުލޫކް ކޮމިޓީން މައްސަލައެއް އެޖެންޑާ ކޮށްފިއެވެ.

މި މައްސަލަ އެޖެންޑާ ކޮށްފައި ވަނީ، މިއަދު މެންދުރު 12:00އަށެވެ.

އަފީފްގެ މައްސަލަ ބެލުމަށް އެމްޑީޕީން ނިންމާފައިވަނީ އެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް 49 މެމްބަރުން ސޮއިކޮށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން ހުރަސް އަޅާތީ ކަމަށް ބުނެއެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކެ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސް ވަނީ، މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައި ވަނީ ގަރާރެއް ނޫންކަމަށް ބުނެ ނިޒާމީ މައްސަލައެއް ހުށަހަޅާފައެވެ.

ޖަލްސާ ފެށުމާއެކު، ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހަށް ހުށަހެޅި ގަރާރަކީ ގަވާއިދާ ޚިލާފަށް އޮތް ގަރާރެއް ކަމަށެވެ. އެހެންވެ، ނަޝީދުގެ އިތުބާރުނެތް ކަމުގެ ގަރާރުގެ މަސައްކަތް ކުރިއަށްގެންދިޔަ ނުދޭނެ ކަމަށް އާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ.


އެ ނުކުތާ ބަލައިގަނެ އަފީފް މިއަދުގެ މަޖިލިސް ނިންމައިލެއްވީ، އެ ގަރާރު އަލުން ހުށަހެޅުމަށް އެންގުމަށް ފަހުއެވެ.

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީގެ މުގައްރިރަކީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީއެވެ.