ޑްރަގް ކޯޓު ހިންގުމަށް ސަރުކާރުން ދީފައިވާ ކުރީގެ އެންސްޕާ ހިންގި އިމާރާތުގެ ބޭރު ދޮރުފަތްތަކެއް ނައްޓާލައިގެން ނީލަމުގައި ވިއްކަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ފެހިއައްސޭރި، އަބްދުﷲ އަތީގު، 38 އަދި މއ. ސީނަރީވިއު، އާދަމް ނަސީމް، 23 ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 3:15 އެހާކަންހާއިރު ޕިކަޕެއްގައި އެ ދޮރުފަތްތައް ގެންގޮސް ނީލަން ފިހާރައަށް ބާލަނިކޮށް ކަމަށެވެ. އަދި ބުނީ އެތަނުން ނައްޓާލައިގެން ގެންގޮސްފައިވަނީ އެލްމިނިއަމް ދޮރަކާއި ތަޅާއެކު ހުރި އެލްމިނިއަމް ތިން ފިލާ ދޮރުފަތަކާއި ގޭޓް ދޮރުފަޅީގެ ތިން ދޮރު ފަތާއި ދަގަނޑު ތޭރިތަކެއް ކަމަށެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޑްރަގް ކޯޓު ހިންގުމަށް އެ އިމާރާތް ދިންނަމަވެސް އެތަން މަރާމާތު ކުރެވިފައި ނުވާތީ އެ އިމާރާތުގައި ޑްރަގް ކޯޓުގެ މަސައްކަތް ފަށާފައި ނުވެއެވެ.

ޑްރަގް ކޯޓު މިހާރު ހިންގަމުން ދަނީ ކުރިން ޖުވެނައިލް ކޯޓު ހިންގި ހަވީރީ ހިނގުމުގައި ހުންނަ މ. ފަންހިޔާ ބިލްޑިން ގައެވެ.