ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރު ރިޔާސަތުން ބޭރުކޮށްލާފައި ވަނިކޮށް އަނެއްކާ ވެސް އެ ގަރާރު އެޖެންޑާކޮށް އިތުރު ޖަލްސާއެއް މިއަދު ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.

އެ ޖަލްސާ އޮންނާނީ މިއަދު 11:30 ގައެވެ.

ވިލުފުށީ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު ޙަސަން އަފީފް ރިޔާސަތުގައި އިންނެވި އެ ޖަލްސާގައި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއާ ގުޅިގެން، ރިޔާސަތުން ވަނީ ނަޝީދުގެ ގަރާރު ބޭރުކޮށްލާފައެވެ.

އެ ނިޒާމީ ނުކުތާގައި އަލީ އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ގަރާރަކަށް ފެތޭ ގޮތަށް ނޫން ކަމަށެވެ.

އެއަށްފަހު ދެން ޑިމޮކްރެޓުން ތުހުމަތުކުރެއްވީ އެ މައްސަލަ އެޖެންޑާ ކޮށްފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް އެޖެންޑާާ ކޮށްފައިވާ ގަރާރެއް ކަމަށެވެ. ޑިމޮކްރެޓުން ބުނީ އެ މައްސަލަ ގަވާއިދާ މުޅިން ޚިލާފަށް ހުށަހަޅާފައި ވުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިނުގަނެވޭނެއެވެ. އަދި ޑިމޮކްރެޓުން ވަނީ އިތުރަށް ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާފައެވެ.

އެއާއެކު މަޖިލިސް އެއްކޮށް ހޫނުވެ، އެމްޑީޕީގެ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ޑިމޮކްރެޓުންގެ ވާހަކަތަކަށް ދެކޮޅު ހަދާފައެވެ. އެމްޑީޕީ މެންބަރުން ވިދާޅުވި ގޮތުގައި، ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަފީފަކީ އެ މައްސަލަ ބެލުމަށް ރިޔާސަތުގައި އިންނަވަން އެންމެ އެކަށީގެންވާ ބޭފުޅެއް ނޫނެވެ.

އެކަމަށް ރައްދު ދެއްވައި އަފީފް ވިދާޅުވީ ނަޝީދުގެ މައްސަލައިގައި ކޮންމެ މެންބަރެއްގެ ވެސް މަސްލަހަތު އެބައޮތް ކަމަށެވެ.

އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ވަނީ، މަޖިލީހުގެ ރިޔާސަތުން އެޖެންޑާ ކުރި މައްސަލައެއް ނޫން ކަމަށް ވަންޏާ ވެސް ރިޔާސަތުން އެކަމަށް ގޮތެއް ނިންމައިދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެ ޕާޓީން ނެގި ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުން ގޮތެއް ނިންމައިދިނުމަށް އެދިފައެވެ.

އެ މައްސަލަ ކުރިއަށް ނުގޮސް ގިނަ މެންބަރުން ރުޅިގަދަވެފައި ވަނިކޮށް، އަފީފް ނިންމެވީ ޑިމޮކްރެޓުން ނެގި ނިޒާމީ ނުކުތާ ބަލައިގަތުމަށެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިނުގަތަސް ކުރިއަށްގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން ނަޝީދު ވަނީ، ގަރާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ގަރާރުގެ މަސައްކަތް ފަސް ދުވަހަށް ހުއްޓުވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވާ ކުރައްވަން ދެން ވެސް ހިފެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފައެވެ.