12 Nov 2023, 11:52
ޣައްޒާ (12 ނޮވެންބަރު 2023): ޣައްޒާގެ އެތެރެއަށް ވަދެގަނެގެން އުޅުނު އިސްރާއީލު ސިފައިން ބައިގަނޑަކާއި ފަލަސްތީނު މުޖާހިދުންނާ ބަދަލުކުރި ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ ފަސް މީހުން މަރާލައި އިތުރު ހަ މީހަކު ޒަޚަމްކޮށްލައިފިއެވެ.
ހަމާސްގެ ތަރުޖަމާނު އަބޫއުބައިދާ މިކަން ކަށަވަރުކޮށްދިން އިރު އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައިވެސްވަނީ ޣައްޒާގައި ފަސް ސިފައިންނާއި އޮފިސަރަކު މަރުވެ ހަ މީހަކު ޒަޚަމްވިކަމަށް އެއްބަސްވެފައެވެ. ހަމާސްގެ ތަރުޖަމާނު އުބޫއުބައިދާގެ ބަޔާން ބުނާގޮތުން ޓޭންކާއި އާމެޑް ވެހިކަލް ހިމެނޭގޮތަށް އިސްރާއީލު ސިފައިންގެ 136 އުޅަނދެއްވަނީ ގޮއްވާލާފައެވެ.
އޭގެ ތެރެއިން ބައެއް އުޅަނދު އެއްކޮށް އަންދާލާފައިވާއިރު އަނެއްބައި އުޅަނދުތައްވާނީ ބޭނުން ނުކުރެވޭވަރަށް ހަލާކު ކޮށްލާފައެވެ.

ޣައްޒާގެ ހާލަތު
އިސްރާއީލު ސިފައިން އިއްޔެވެސް މައިގަނޑު ގޮތެއްގައި ހަމަލާތައް ދީފައިވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށެވެ. ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ އައިސީޔޫއާއި އޮޕަރޭޝަން ތިއޭޓަރާއި ކިޑްނީގެ ބަލިތަކާބެހޭ ބަޔަށް ވަރަށް ގިނަ ހަމަލާތަކެއްދީ އެތަންތަން އެއްކޮށްވަނީ ހަލާކުކޮށްލާފައެވެ. މިއާއެކު އެ ހޮސްޕިޓަލުންވަނީ އެއްކޮށް ކަރަންޓް ކެނޑިފައެވެ. ކަރަންޓް ކެނޑުމާއެކު ބަލި މީހުންދަނީ މަރުވަމުންނެވެ.
އަނެއްކޮޅުން ޣައްޒާގައިވާ ގުދްސު ހޮސްޕިޓަލުގެ އައިސީޔޫއަށްވެސް ހަމަލާދީފައިވާއިރު ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލާ ކައިރީގައިވާ ތަންތަނަށްވެސް އިސްރާއީލުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެއިތުރުން ޣައްޒާގެ އައްނަސްރު ސަރަހައްދުގައި ހުންނަ ޔޫއެންޑީޕީގެ މައި މަރުކަޒަށް ވެސް އިސްރާއީލުގެ ޖެޓްތަކުންވަނީ ބޮން އަޅާފައެވެ.
ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން ޣައްޒާގެ ސިއްހަތާބެހޭ ނިޒާމު މިހާރުވަނީ އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން މުޅިން ރޫޅި އިނދަޖެހިފައެވެ. ހޮސްޕިޓަލްތަކަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ބޭނުންވާ ޕެޓްރޯލް އާއި ޑީސަލް ޣައްޒާއަށް އެތެރެކުރުންވެސްވަނީ މަނާކޮށްފައެވެ.

އިސްރާއީލުން ޝަހީދުކޮށްލި ބައެއް މީހުންގެ މައްޗަށް ކަށު ނަމާދުކުރަނީ
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވާ އާންމުންގެ އަދަދު ގިނަކަމުން ޣައްޒާގެ ބައެއް ހޮސްޕިޓަލުގެ ގޯތިތެރޭގައިވެސް އިއްޔެވަނީ ގިނަ ބަޔަކު ވަޅުލާފައެވެ. ނަމަވެސް އެއްގަމު މަގުން ޣައްޒާއަށް ވަދެގަތް ފައުޖަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. ޣައްޒާގެ މުޖާހިދުން އެމީހުން ވަށާލައި ހިސާރުކޮށް ވަރުގަދަ ހަމަލާތަކެއްދީ އެތައް ބަޔަކު މަރާލުމުން އެމީހުންވަނީ ޣައްޒާއިން ފައިބައިފައެވެ.
އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށް އިއްޔެ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70 އަށްވުރެ ގިނަމީހުން ޝަހީދުކޮށް 100އަށް ވުރެ ގިނަމީހުން ވަނީ ޒަޚަމްކޮށްލާފައެވެ.